ކުއްލި ފަރުވާ ދެވޭ ގޮތަށް ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ އިފްތިތާހްކޮށްދެއްވައިފި އެވެ.
މި ފެސިލިޓީ މިއަދު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ސިއްހީ މިންގަނޑެއްގައި ގާއިމުކޮށްފައި ހުންނަންޖެހެ އެވެ.
ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމްކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ކުޅުންތެރިއަކަށް، އޮފިޝަލަކަށް ނުވަތަ ބެލުންތެރިޔަކަށް ސިއްހީ ފުރަތަމަ އެހީ ދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން ހިމެނެ އެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީއެންމެ އަވަސް ފުރުސަތެއްގައި ރައްކާތެރިކަމާއެކު ސިއްހީ ފަރުވާދޭ ހޮސްޕިޓަލަކަށް ނުވަތަ އިމަޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތްތަކާ ބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ ހަފްތާ 14ގައި ހިމެނޭ ކަމެކެވެ.
ސޯޝަލް ސެންޓަރުގައި މެޑިކަލްރޫމް އިފްތިތާހް ކޮށްދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެތަން ބައްލަވާލައްވާފަ އެވެ. މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ފަށާ މިއަހަރުގެ ބާސްކެޓްބޯލް ސީޒަން ހުޅުވުމުގެ ގޮތުން ބޭއްވި އެގްޒިބިޝަން ބާސްކެޓްބޯލް މެޗެއްވެސް ރައީސް ބައްލަވާލެއްވި އެވެ.
ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ސިއްހީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭ ކަންކަން ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.