ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންނަށް ފައިދާވާ ގޮތަށް ބިން ބޭނުންކުރަން އެދިވަޑައިގެންފި

Dec 28, 2021
1

ބިން ބޭނުންކުރުމުގައި ރައްޔިތުންނަށް އެންމެ ފައިދާކުރާ ގޮތަށް އަދި މާލީ ފުދުންތެރިކަން އިތުރުވާ ގޮތަށް ކައުންސިލްތަކުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ކ. މާފުށްޓަށް އަލަަށް އިތުރުކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ހަވާލުކުރުމުގެ ގޮތުން މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކަކާ އެކު ބޮޑެތި ބަދަލުތަކެއް ސަރުކާރު ގެނެސްފައިވާއިރު ހިންގުމުގެ ބާރާއި މާލީ ފުދުންތެރިކަމުގެ ބާރާއި ފައިސާ ހޯދުމުގެ ބާރުވެސް މިހާރު ކައުންސިލްތަކަށް ދޫކޮށްލެވިފައިވާނެ ކަމަށެވެ.

މާފުށްޓަށް އަލަށް އިތުރުކުރެވުނު ބިމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑުގެ ބޭނުން ކުރުމުގައި ހަދާ ލޭންޑް ޔޫޒް ޕްލޭނަށް މާފުށީ ރައްޔިތުންގެ ލަފާ ހޯދައި އެ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތަށް މަސައްކަތް ކޮށްދެއްވުމަކީ އެދިވަޑައިގަންނވާ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީއިންތިހާބުގެ ކެމްޕޭންގައި އެމަނިކުފާނު މާފުށްޓަށް ވަޑައިގަތުމުން އެދުވަހު އަޑު އިވިވަޑައިގަތީ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ ޝަކުވާ ކަމަށާއި އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ބިން އިތުރުކުރުމަށް ކަމަށެވެ. ރައްޔިތުން ބޭނުންވި ފަދައިން ލޯކަލް ޓޫރިޒަމަށް ބޭނުންވާ ބިން މިއަދު އިތުރުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން އެ މަސައްކަތުގައި މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިމާ އަދި ޕިކްނިކް އައިލެންޑުގެ މަސައްކަތަށް ސަރުކާރުން 128 މިލިއަން ރުފިޔާ ހަރަދުކުރެއްވި ކަމުގައި ވިދާޅުވި އެވެ.

"މިއަދުވެސް އަޅުގަނޑު ބަލާލިއިރު މިރަށުގައި 1600 އަށް ވުރެ ގިނަ ޓޫރިސްޓުން މިވަގުތު ވެސް އެބަތިބި. ފުރާދުއްވާ އުޅަނދުފަހަރު އެހާ ގިނަ. ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ވާނީ މިރަށުގެ ބަނދަރު ބޮޑުކުރަން ވެސް ހިމަނާފައި. އިރާދަކުރެއްވިއްޔާ އަހަރު ފެށިގެން ފުރަތަމަ މަސައްކަތް ފަށާ ބަނދަރަކަށް މާފުށީ ބަނަދަރު ހެދުމަށް މިނިސްޓްރީން އިސްކަންދޭނެ" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް ދިން ކަމަށްޓަކައި އެމްޓީސީސީ އަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމްޓީސީސީގެ ދުވެލި މިހާރު ހުރިގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތަައް ފުއްދޭނެ ކަމާމެދު ޝައްކެއް ނެތް ކަމުގައި ވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތަށްފަހު ރައީސް ސޯލިހް ވަނީ މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ބައްލަވާލައްވާ، އެ ބިން ފެހިކުރުމަށް ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރުކެއް އިންދަވައިދެއްވާފަ އެވެ.