ރާއްޖެ ކުޅިވަރު

ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ފަށައިފި

Jul 16, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ. އެމަނިކުފާނު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ މިރޭ މިކަމަށްޓަކައި މާލެ އަތޮޅު މާފުށީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު މި މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްއިން ގުޅިގެންނެވެ. އަދި މި މުބާރާތް ކުރިޔަށްދާނީ މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައެވެ.

ބައިނަލްއަގްވާމީ މި މުބާރާތަކީ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ 54 ވަނަ އެޑިޝަންއެވެ. މިފަހަރުގެ މުބާރާތުގައި 24 ގައުމަކުން 400 އަށް ވުރެ ގިނަ އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވެއެވެ.

މިރޭ ބޭއްވި ހުޅުއްވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގައި ބޮޑީބިލްޑިން ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން (އޭބީބީއެފް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް ވެދުމަަށް އަރުވާފައެވެ.

ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.