މިއަހަރަކީ އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒާހިރު އިއްޔެގެ ވަގުތެއްގައި ވިދާޅުވީ މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 85 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
"މިއީ މިހާތަނަށް އެންމެ ގިނައިން މުދަލުޒަކާތް ދެއްކި އަހަރު. މުދަލު ޒަކާތް ދެއްކި ފަރާތްތަކުގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވާށި. އާމީން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ދެއްކި ޖުމްލަ އަދަދު މުޅިން ސާފުވާނީ މިއަދަށްފަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިިިިިިިިިޓީ (މީރާ) އިން އެ މައުލޫމާތު ހާމަކުރުމުންނެވެ.
މީރާ އިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށްވެފައި މިއަދަކީ މިއަހަރުގެ ފަހު ދުވަސް ކަމަށްވާތީ ބައެއް މީހުން މިއަދު ވެސް އޮންލައިންކޮށް މުދަލު ޒަކާތަށް ފައިސާ ދެއްކުމަކީ ވެދާނެ ކަމެކެވެ.
މުދަލުގެ ޒަކާތުގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު މީރާ އަށް ލިބިފައިވަނީ 9.5 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 3.8 މިލިއަން ރުފިޔާއާއި އަޅާބަލާއިރު 5.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއަހަރުގެ ޖެނުއަރީ އެކަކުން ނޮވެމްބަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މީރާ އަށް ލިބިފައިވަނީ 79.3 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 54 މިލިއަން ރުފިޔާއާއި އަޅާބަލާއިރު 25.3 މިލިއަން ރުފިޔާ އިތުރު އަދަދެކެެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މުދަލު ޒަކާތުގެ ނިޞާބު އެންމެ ފަހުން ކަނޑައަޅާފައިވަނީ މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު އެވެ. އެގޮތުން ރާއްޖޭގައި މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 6،961.50 ރުފިޔާ އެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.