ހަބަރު

ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރަކަށް އަކިލޭޝް މިޝްރާ

Dec 15, 2015

ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ އިންޑިއަން ކައުންސިލާ ޖެނެރަލް، އަކިލޭޝް މިޝްރާ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރަކަށް ހަމަޖައްސައި އެކަން އިއުލާން ކޮށްފި އެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 2013 ވަނަ އަހަރުން ފެށިގެން ޓޮރޮންޓާގައި ހުންނަވާ ކައުންސިލް ޖެނެރަލްގެ ގޮތުގައި މަސައްކަތް ކުރައްވާ މިޝްރާ އަންނަ މަހުން ފެށިގެން ރަސްމީކޮށް ރާއްޖޭގައި ހުންނަވާ ސަފީރަކަށް ހަމަޖައްސާފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އެކްސްޓާނަލް އެފެއާޒްގެ ވެބްސައިޓްގައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ މީގެ ކުރިން ވަނީ ނޭޕާލް އާއި ބޫޓާން އާ ގުޅޭ ބައެއް ކަންކަމުގައި އެކްސްޓާނަލް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ކިޔަވާ ވިދާޅުވީ ޓެކްނޮލޮޖީއާ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާ އިންނެވެ. މީގެ އިތުރަށް އެމެރިކާ، އަފްގާނިސްތާ އަދި ޓެންޒޭނިޔާގެ އެމްބަސީގައި އޭނާ ވަނީ ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވައި ހާރިޖީ ތަޖުރިބާ ހޯއްދަވައިފަ އެވެ.

ރާއްޖޭގައި މިހާރު ހުންނަވާ ހައި ކޮމިޝަނަރު، ރަޖީވް ޝަހާރޭގެ ބަދަލުގައި އެހެން ބޭފުޅެއް އެ މަގާމަށް ހަމަޖެއްސިކަން އިއުލާން ކުރެއްވީ މިއަހަރުގެ މެދު ތެރޭގައި އެގައުމުގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނަބުރި އިންޑިއާއަށް ވަޑައިގެންނެވެ. އެ ދަތުރުފުޅަށް ފަހު ރާއްޖެއާ އިންޑިއާގެ ގުޅުން ވަނީ ކުރިއެކޭ އެއްގޮތަށް ރަނގަޅުވެފަ އެވެ.

ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލި މައްސަލައަށް ފަހު އިންޑިއާއިން މެދުކެނޑުމެއް ނެތި ރާއްޖޭގެ ކަންކަމަށް ބަސް ކިޔަމުން އައި ނަމަވެސް، މިފަހުން އިންޑިއާ ފެނުނީ ވަރަށް މަޑުމައިތިރިކޮށެވެ. އެގޮތުން ދާހިލީ ކަންކަމާ ގުޅޭ ގޮތުން އިންޑިއާގެ ފަރާތުން ބަހެއް ނީވެ އެވެ.