ލައިފްސްޓައިލް

ޓެކްސަސް މަތިން ވާރޭއާއެކު މަސް ތަކެއް ފައިބައިފި

ފާއިތުވި އަހަރު ނިމެނިކޮށް އެމެރިކާގެ ޓެކްސަސްގައި ވަރަށް އާދަޔާޚިލާފު ކަމެއް ހިނގައިފި އެވެ.

އެއީ އުޑުން މަހުގެ ވާރޭ ވެހުމެވެ. ޓެކްސަކާނާ ސިޓީގައި ހިނގި މި ހާދިސާ އެ ރަށުގެ މީހުން ސިފަ ކުރަނީ "އެނިމަލް ރެއިން" ނުވަތަ ޖަނަވާރުގެ ވާރޭގެ ގޮތުގަ އެވެ. މިގޮތަށް ޖަނަވާރު ވާރޭ ވެހެން ދިމާވަނީ ވޯޓާ ސްޕައުޓްސްތައް އުފެދި މޫދުގައިވާ ލޮނުގަނޑާއެކު މައްޗަށް އަރާއިރު އެތަނުގައި އެވަގުތަކު އުޅޭ ކަކުނި، ބޮއް އަދި ކުދިކުދި މަސްތަކާއެކު މައްޗަށް އަރާފައި ވާރޭ ވެހޭއިރު މަތިން ފައިބާތީ އެވެ.

"2021 ގައި އާދަޔަޚިލާފު ހުރިހާ ކަމެއް ވެސް އެބަ ހިނގާ. މީގެ ތެރޭގައި ޓެކްސަކަނާއަށް މިއަދު ވެހުނު "މަހުގެ ވާރޭ" ހިމެނޭ. ނޫން. ހަމަ އަސްލުވެސް މިއީ ޖޯކެއް ނޫން. ސިޓީ އޮފް ޓެކްސަކާނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވެއެވެ.

މަހުގެ ވާރޭ ވެހުނުތަން ފެނުނު ޖޭމްސް އަޑިރުޝް ބުނި ގޮތުގައި އޭނާ އަކީ ކާރު ވިއްކުމުގެ ވިޔަފާރިކުރާ މީހެކެވެ. އެ މަސައްކަތުގައި އެއް ދުވަހަކު އުޅެނިކޮށް ބާރު އަޑުފައްގަނޑެއް ބޭރުން އިވުނެވެ.

"ގުގުރާ އަޑުކަހަލަ އަޑުތަކެއް އިވެން ފެށީމަ އަހަރެން ވެސް ދޮރު ހުޅުވާ ބަލާލީ. އޭރު ވަރަށް ބޯކޮށް ވާރޭ ވެހޭ. އަދި ވާރޭ އާއެކު މަސްތައް ބިންމައްޗަށް ވެއްޓެމުން ދިޔަ ތަން ފެނުނު. އަހަރެންނަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނު މިއޮއްގެން މަހުގެ ވާރޭ ވެހެނިއްޔޭ. އަހަރެންގެ އެކުވެރިޔާއަށް އެ ވާހަކަ ގަބޫލު ނުކުރެވިގެން ބުނި އެހެނެއް ނުވާނޭ. އަހަރެން ބުނިން ނޫނެކޭ މިއޮއްގެން ވާރޭއާއެކު މަސްތައް ފައިބަނިއްޔޭ މަތިން،" ޖޭމްސް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަގުގެ ބޮޑު ސަރަހައްދަކަށް މަސްތައް ވާރޭއާ އެކު ފައިބައިފައި ހުއްޓާ އޭނާއަށް ފެނުނެވެ.

ހުދުކުލައިގައި ހުރި މި މަސްތަކުގެ ދިގު މިނުގައި ހުރީ 4-5 ވަރަށް އިންޗި ކަމުން މިއީ ވަރަށް ޅަ މަސްތަކެއް ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ބުންޏެވެ.