ކ. ހުރާގެ ކުޅި ހިމާޔަތް ކުރުމަށް ޔޫއެންޑީޕީން ހަތް ލައްކަ ރުފިޔާގެ އެހީއެއް ދީފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ހުރާ ކައުންސިލްގެ ރައީސް އީސަ އަހްމަދު ވިދާޅުވީ ހަތްލައްކަ ރުފިޔާ ބޭނުންކުރާނީ ކުޅި ހިމާޔަތްކުރުމާއި ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކުޅިއާއި މޫދު ގުޅުވާލައި ބްރިޖެއް އެޅުމަށް ކަމަށެވެ. އެ މަސައްކަތް މުޅިން ނިންމާލެވޭނީ ކައުންސިލުން ވެސް ހަރަދެއް ކޮށްގެން ކަމަށެވެ.
"ހަގީގަތުގައި އެ އެހީ އަކީ 2014 ވަނަ އަހަރު ދޭން ނިންމާފައި އޮތް އެހީއެއް. އަދި މި ނިމުނު ހަފްތާ އެ ފައިސާ ދޭން އެމްއޯޔޫގައި ސޮއި އެ ކުރީ،" އީސަ ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ހުރާ ކުޅި ހިމާޔަތްކޮށް ތަރައްގީކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ގުޅިގެން ހާއްސަ ޕްލޭނެއް ހަދައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެ މަޝްރޫއަށް ހޭދަވާ 7.8 މިލިއަން ރުފިޔާ ދިނުމަށް 2018 ވަނަ އަހަރު އެއްބަސްވި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތެރެއިން ކަންކަން ވަމުންދާ ގޮތުން އެ ފައިސާ ލިބޭނެ ކަމުގެ އުއްމީދު ކުޑަ ކަމަށްވެސް ވިދާޅުވި އެެވެ.
"ހައިކޮމިޝަނުން ފަހުން އެންގީ މިނިސްޓްރީއެއް ތުރޫކޮށް އަންނާށޭ. އަޅުގަނޑުމެން އެދުނީ އެހިސާބުން އެންވަޔަރަންމަންޓް މިނިސްޓްރީގައި. އެކަމަކު އެ ލިޔުމެއް ނުލިބުނު. ދެން ސީދާ އަޅުގަނޑު ގުޅީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް. އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މިނިސްޓްރީގެ ލިޔުމެއް ނުލިބުނު. ދެން ފަހުން މިއަންގަނީ ރައީސް އޮފީހުން ލިޔުން ދޭނީ. އެހެންވީމާ އެ ފައިސާ ދެން ނުލިބޭނެ ކަމަށް މި ބަލަނީ،" އީސާ ވިދާޅުވި އެެވެ.
އޭނާ އިތުރަށް ވިދާޅުވީ ހުރާ ކުޅި، ބޭރުގެ ފަންޑިން އެޖެންސީ ތަކަށް ދައްކައިގެން ސަރުކާރުން ފައިސާ ހޯދާ ކަމަށެވެ. ނަމަވެސް އެގޮތުން ލިބޭ ފައިސާ ހުރާ އަށް ނުލިބި ބައެއް އެހެން ރަށްރަށަށް ދޫކުރާ ކަމުގެ ޝަކުވާ ކުރެއްވި އެވެ. އެގޮތަށް އަމަލުކުރަނީ ހުރާގައި އޮތީ އިދިކޮޅު ޕާޓީގެ ކައުންސިލަކަށް ވާތީ ކަމަށް އީސަ ގަބޫލުކުރައްވަ އެވެ.
މާލެ އާއި 20.3 ކިލޯމީޓަރު ދުރުގައި އޮންނަ ހުރަ އަކީ މާލެ އަތޮޅުގައި ކުޅިއެއް އޮންނަ ހަމައެކަނި ރަށެވެ.