އިންޑިއާ

ހުކުރުގައި ކިޔަވައިދޭން އެންގުމުން މަލިކުގައި ކަންބޮޑުވުން

ރާއްޖޭގެ ރަށެއްގެ ގޮތުގައި ކުރީން އޮތް މަލިކު ހިމެނޭހެން ލަކްޝަދީބުގެ ހުރިހާ ރަށްތަކެއްގެ ސުކޫލުތަކުގައި ވެސް ހުކުރު ދުވަހު ކިޔަވައި ދޭން އެންގުމާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އެ ނިންމުމާ ދެކޮޅު ހަދައިފި އެވެ. މަލިކު ރައްޔިތުން ވަނީ އެ ރަށަށް ދެރަ ގޮތްތަކެއް މެދުވެރިވެފައިވާތީ ދިވެހީންގެ ހެޔޮ ދުއާއަށް އެދިފަ އެވެ.

އަވަސް އާ ވާހަކަ ދައްކަމުން މަލިކުގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ މަރުކަޒީ ސަރުކާރުން ލަކްޝަދީބުގެ ރައްޔިތުންނާ ދޭތެރޭ އަމަލު ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށާ އަމަލުތައް ހުރީ "ޖެއްސުން" ކުރާ އުސޫލުން ކަމަށެވެ. މީގެ ކުރީން ވެސް ހުކުރު ދުވަހަކީ އިންޑިއާގެ ހުރިހާ ސަރަހައްދަކަށް ވެސް ރަސްމީ ދުވަހެކެވެ. މަލިކު ހިމެނޭހެން ލަކްޝަދީބު 11 ދީބަށް ނިސްބަތްވާ ރަށްތަކުގައިވެސް އަމަލު ކުރަނީ އެގޮތަށެވެ.

ނަމަވެސް އެ ރަށްތަކުގައި ހުކުރު ދުވަހަކީ ސުކޫލު ދަރިވަރުންނަށް ބަންދު ދުވަހެކެވެ. އަދި މަލިކުގެ މަސްވެރިން ހުކުރު ދުވަހު މަހަށް ނުދެއެވެ. ސަރުކާރުގެ އޮފީސްތައް ހުޅުވި ނަމަވެސް ހުކުރު ވަގުތު ފެށުމުގެ ކުރީން 12 ޖެހުމާއެކު އޮފީސްތައް ބަންދު ކުރެއެވެ. އަލުން ހިދުމަތް ފަށަނީ މެންދުރު ފަހު ދޭއް ޖަހާއިރު އެވެ.

އެ އުސޫލަށް ބަދަލު ގެންނަން އަންގާ މަރުކަޒީ ސަރުކާރުން ވަނީ ހުކުރު ދުވަހުވެސް ސުކޫލުތަކުގައި ކިޔެވުން ކުރިއަށް ގެންދަން އަންގާފައެވެ. އަދި ސުކޫލުތަކުގެ ކިޔެވުން ހެނދުނު 9:30 ގައި ފަށާ މެންދުރު 12:30 އާ ހަމައަށް ކުރިއަށް ގެންގޮސް އަލުން 1:30 ގައި ކިޔެވުން ފެށުމަށް ވަނީ އަންގާފައެވެ.

މަލިކުގެ ރައްޔިތުން ދެކޭ ގޮތުގައި މިއީ އެ މީހުންގެ ދީނީ އަގީދަށް ކޮށްފައިވާ ފުރައްސާރައެކެވެ. އެހެން ކަމުން އެ ނިންމުން ބަދަލުކުުރުމަށް ސަރުކާރުގައި މިހާރު ވަނީ އެދިފައެވެ.

"ހުކުރު ދުވަހު އިސްކޫލުތައް ހުޅުވާފައި ބެހެއްޓުން އަދި 12:30 އާ ހަމައަށް ކުރިއަށް ގެންދިއުން މިއީ ކަނޑައެޅިގެން ކޮށްފައިވާ ޖެއްސުމެއް. އަދި މިއީ ހުކުރުގެ ޖަމާއަތަށް ދިއުމަށް ހުރަސް އެޅޭ ކަމެއް،"

ސައްތައިންސައްތަ މުސްލިމު އާބާދީއޮތް މަލިކުގައި ގުރުއާން ހަދީސް އަދި ދިވެހި ބަސް ކިޔަވައިދޭ ތަންތަނުން ހެނދުނު ހަތަކުން ނުވަޔަކަށް ކިޔަވައިދެއެވެ. ނަމަވެސް 9:30 ގައި ސުކޫލުތަކުގައި ކިޔަވަން ފަށަން އެންގުމުން އެ ކުލާސްތައް ކުރިއަށް ގެންދަންވެސް ވަނީ ދަތިވެފައެވެ.

މަރުކަޒީ ސަރުކާރުގެ ނިންމުމަށް ބޯނުލަބާނެ ކަމަށާ ދަރިވަރުން ސުކޫލުތަކަށް ފޮނުވާނެ ކަމަށް ލަކްޝަދީބުގެ ގިނަ ރަށްތަކުން ވަނީ އަންގާފައެވެ. ނަމަވެސް މަލިކުން އެފަދަ ރަސްމީ ނިންމުމެއް އަދި ނިންމާފައެއް ނުވެއެވެ.

"އެހެން ދީބުތަކުން އުޅޭ ގޮތަކަށް ނޫން މަލިކު ރައްޔިތުން އަމަލު ކުރަނީ. މަލިކު ރައްޔިތުންނަކީ ވަރަަށް ބޮޑަށް ސަރުކާރަށް ތަބާވެގެން އުޅެމުންދާ ބައެއް. އުންމީދު ކުރަނީ ސަރުކާރުގެ ނިންމުން ބަދަލުކޮށްދިނުން. އަޅުގަނޑުމެން މި އެދެނީ އެއް ފުރާނައެއް ފަދަ ދިވެހީންގެ ހެޔޮ ދުއާއަށް،" އަވަސްއާ ވާހަކަ ދައްކަމުން މަލިކުގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

12،000 މީހުންގެ އާބާދީއެއް އޮތް މަލިކުގައި ހުކުރު ދުވަހު ސުކޫލުތައް ހުޅުވަން އެންގި ފަހުން މިހާރު ތިން ހަފްތާވެއްޖެ އެވެ. ނަމަވެސް މިދިޔަ ތިން ހުކުރަކީވެސް އިންޑިއާއަށް ރަސްމީ ބަންދު ދުވަސްތަކެވެ.

"އަންނަ ހުކުރު އެއީ ނުރައްކާތެރި ހުކުރަކަށް ނުވުން އެދެނީ. މަލިކީން އެދޭ ގޮތާ އެއްގޮތްވެ ދަރީން އެ ދުވަހު ނުފޮނުވާން ހަމަޖެހުން،"

މަލިކުގައި ކުރީން ހަތަރު ސުކޫލު ހުއްޓެވެ. ނަމަވެސް ބީޖޭޕީ ސަރުކާރު އައި ފަހުން އެއް ސުކޫލު ވަނީ ބަންދުކޮށްފައެވެ. އަދި އިތުރު ހުނަރު ދަސްކޮށްދޭ ސެންޓަރުވެސް ވަނީ ބަންދުކޮށްފައެވެ. މިދިޔަ ދުވަސްތަކުގައި އިންޑިއާ ސަރުކާރުން ވަނީ މަލިކުގެ ދަރިވަރުންގެ ތައުލީމަށްވެސް ވަރަށް ބޮޑަށް އިހުމާލުކޮށް އަޅާލުން ކުޑަކޮށްފައެވެ.