ބައިނަލްއަގްވާމީ ގުޅުންތަކުގައި އިންޑިއާ އާއި އެކު ރާއްޖެއިން ބާއްވާ ގުޅުންތައް އިސްވާނެ ކަމުގައި ރައްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހަލީލް ވިދާޅުވީ ރާއްޖެއިން ހުރިހާ ގައުމަކާ އެކު ވެސް ރަނގަޅު ގުޅުމެއް ބާއްވާނެ ކަމަށާއި ރާއްޖެއިން ފައިދާ ބޮޑީވެސް އެގޮތް ކަމަށެވެ. ނަމަވެސް އިންޑިއާ އަކީ ވަރަށް ގިނަ ދާއިރާތަކުން ވަކިން ހާއްސަކޮށް ވިޔަފާރި އާއި ތަރައްގީ އަދި އިޖުތިމާއީ ދާއިރާ އިން ޒަމާންވީ ރަހްމަތްތެރިއަކަށްވާތީ އިންޑިއާގެ ގުޅުމަށް އިސްކަންދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ރާއްޖެއަށް އަބަދުވެސް އިސްވާނީ އިންޑިއާއާ އެކު އޮންނަ ގުޅުން،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވަނީ އިންޑިއާ އާއި އެކު ރާއްޖެއިން ދަމަހައްޓަމުން އަންނަ އެކުވެރިކަމުގެ ގުޅުމަށް ހީނަރުކަން ލިބޭ ފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.
ހަލީލް މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރައްވާ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މަޝްރޫއުތަކެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައިވެ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ތަފްސީލް ކޮށްދެއްވަމުން ހަލީލް ވިދާޅުވީ ރާއްޖެއަށް ކޮންމެ ކަމެއް ދިމާވި ނަމަވެސް އެންމެ ފުރަތަމަ އެކަމެއްގައި އެހީވަނީ އިންޑިއާ އިން ކަމަށެވެ. އެހެންކަމުން އިންޑިއާއަށް އަންނަ ކޮންމެ ކުރިއެރުމެއްގެ ފައިދާ ދިވެހިންނަށް އަދި މި ސަރަހައްދަށް ކުރާނެތީވެ އިންޑިއާ އާއި ގުޅިގެން ސަރަހައްދުގެ ސަލާމަތަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. ޚަލީލް ނިސްބަތްވާ ޕީޕީއެމް ޕީއެންސީ އިން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭ ގޮތުންވެސް ޑރ. ޚަލީލް ވަނީ މި އިންޓަވިއުގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅި އެ ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރެއްވި ކަމެކެވެ. މި ސަރުކާރުން އެކަމުގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.