އެޗްއާރްސީއެމް

ނުކުޅެދުންތެރިކަން ހުންނަ 7،589 މީހަކަށް ދައުލަތުގެ އެހީ ނުލިބޭ!

Jan 3, 2022
4

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ދައުލަތުން ދޭ މާލީ އެހީތެރިކަން ހޯދުމަށް އެންސްޕާގައި ރަޖިސްޓްރީކޮށްފައިވަނީ 7،771 މީހުން ކަމަށް އެޗްއާރްސީއެމުން ބުނެފި އެވެ.

އެޗްއާރްސީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 15،360 މީހުން ދިރިއުޅޭ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 7،589 މީހުންނަކީ އެންސްޕާގައި ރަޖިސްޓްރީ ކޮށްފައި ނުވާ މީހުންނަށް ވާތީ ދައުލަތުގެ އެހީ އެމީހުންނަށް ލިބޭ ކަމާ ދޭތެރޭ ކޮމިޝަނުން ސުވާލު އުފައްދާފައިވެ އެވެ.

ތަފާސްހިސާބަށް ބަލައި އެޗްއާރްސީއެމް އިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޮޑު އާބާދީއަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ވާސިލްވެފައިވާ ކަމަށް ކޮމިޝަނަށް ގަބޫލުނުކުރެވޭ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުގެ ފައިދާ ކުރާ މިންވަރެއް ބެލުމަށް އެސެސްމަންޓެއް ހަދާފައި ނުވާ މައްސަލަ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ލާޒިމުކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށްވެސް އެފަދަ ދަފްތަރެއް ހަދާފައި ނުވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

"މި ރަޖިސްޓްރީ ގާއިމުވެފައި ނެތުމުގެ ސަބަބުން ތަފާތު ދާއިރާތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހިދުމަތްތައް ފުޅާކުރުމަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓާސް ރަޖިސްޓްރީއެއް ގާއިމުކުރުމުގައި ވެސް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނެޝަނަލް ރަޖިސްޓްރީއެއް ނެތުންކަން ފާހަގަކުރެވިފައިވެ އެވެ،" ރިޕޯޓްގައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން އިނާޔަތެއްގެ ގޮތުގައި މަހަކު 2،000 ރުފިޔާ އެވެ. އެ އެލަވަންސާ ގުޅޭގޮތުން އެޗްއާރްސީއެމުން ބުނީ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް ބޮޑެތި ނުކުޅެދުންތެރިިކަން ހުންނަ މީހުންގެ ކަންކަން ފުއްދުމަށް އެ އަދަދަކީ ވަރަށް ކުޑަ މިންވަރެއް ކަމަށް ކޮމިޝަނުން ދެކެ އެވެ.

"މި އެލަވަންސް ދިނުމުގައި ރާއްޖޭގެ އިންފްލޭޝަނަށް ރިއާޔަތްކުރެވެމުން ނުދާތީވެ މީގެ 10 އަހަރު ކުރިން ދޭން ފެށުނު އެލަވަންސަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ފުރިހަމަކުރުމަށްވެސް އެކަށީގެންވާ އަދަދެއް ނޫން ކަން ފާހަގަކުރެވެ އެވެ." އެލަވަންސާ މެދު ކޮމިޝަންގެ ވިސްނުން ހުރި ގޮތް ހާމަކުރަމުން ބުނެފައިވެ އެވެ.

އެންސްޕާ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތަފާތު އެހީތެރިކަމުގެ އާލާތްތައް ފޯރުކޮށްދެވުނު ނަމަވެސް ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ބޭނުންވާ ބައެއް ސާމާނު ނުލިބޭ ކަމަށް ކޮމިޝަނުން ބުނެ އެވެެ. އެގޮތުން ކޭން އަދި ސޫނާ ބޭންޑް ފަދަ އާލާތްތައް އެންސްޕާ އިން ނުލިބޭ ކަމަށާއި އެފަދަ އާލާތްތަކަކީ ލޮލަށް ނުފެންނަ މީހުންނަށް އަމިއްލައަށް ހިނގާވެ ބިނގާވެ އުޅުމަށް މުހިއްމު ތަކެތި ކަމަށްވެސް ކޮމިޝަނުން ބުނެފައިވެ އެވެ.