އެޓާނީ ޖެނެރަލް

މިދިޔަ އަހަރު 983 މައްސަލައަކަށް ލަފާ ދީފި

Jan 3, 2022

ބަންޑާރަނައިބުގެ އޮފީހުން މިދިޔަ އަހަރު 900 އަށް ވުރެ ގިނަ މައްސަލާގައި ގާނޫނީ ލަފާ ދީފި އެވެ.

ގާނޫނީ ލަފާ ހޯދުމަށް މިދިޔަ އަހަރު އެކަނިވެސް 960 މައްސަލަ އެކި އިދާރާތަކުން ބަންޑާރަނައިބަށް ފޮނުވާފައިވެ އެވެ. އޭގެތެރެއިން 921 މައްސަލައިގައި އަމަލުކުރަންވީ ގޮތުގެ ލަފާ ދީފައިވެ އެވެ. އެއީ މިދިޔަ އަހަރު ބަންޑާރަނައިބްގެ ލަފާ ހޯދުމަށް އެދި ހުށަހެޅި މައްސަލަތަކުގެ 96 އިންސައްތަ އެވެ.

ބަންޑާރަނައިބް އޮފީހުން ބުނީ 2020 ވަނަ އަހަރު ނިމުނުއިރު ލަފާ ނުދެވިހުރި ކަންކަމާއި އެ އޮފީހުން އިސްނަގައިގެން އެކުލަވާލައި ފޮނުވި ގަވާއިދެއް ހިމެނޭގޮތުން، މުޅި ޖުމްލަ 983 މައްސަލައަކަށް މިދިޔަ އަހަރު ގާނޫނީ ލަފާ ދީފައިވާ ކަމަށެވެ.

މިދިޔަ އަހަރު ލަފާ ދީފައިވާ ގޮތުގެ އަދަދުތައް:

  • އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ގޮތުން ދީފައިވާ ލަފާ - 278
  • ގަވާއިދުތަކާ ގުޅޭ ގޮތުން ދީފައިވާ ލަފާ - 180
  • އުސޫލުތަކާ ގުޅޭ ދީފައިވާ ލަފާ - 34
  • ބިލު ތަސްދީގު ކުރުމާ ގުޅޭގޮތުން ދީފައިވާ ލަފާ - 33
  • މުއާހަދާތަކާ ގުޅޭ ގޮތުން ދީފައިވާ ލަފާ - 5
  • އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ދީފައިވާ ލަފާ 453

ބަންޑާރަނައިބް އޮފީހުން މިދިޔަ އަހަރު އެންމެ ގިނައިން ލަފާ ދީފައިވާ ފިނޭންސް މިނިސްޓްރީ އަށެވެ. އެގޮތުން 231 މައްސަލައެއްގައި އެ މިނިސްޓްރީއަށް ލަފާ ދީފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނައިން މިދޔަ އަހަރު ލަފާ ދީފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ. އެއީ 104 މައްސަލައެއްގަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އަށް މިދިޔަ އަހަރު 73 މައްސަލައެއްގައި ލަފާ ދީފައިވާއިރު އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މިދިޔަ އަހަރުގެ ތެރޭގައި 69 މައްސަލައެއްގައި ލަފާ ދީފައިވެ އެވެ.

މީގެއިތުރުން ހެލްތު މިނިސްޓްރީ އަށް ވެސް މިދިޔަ އަހަރުގެ ތެރޭގައި 65 މައްސަލައެއްގައި ލަފާ ދީފައިވެ އެވެ.