އަހުމަދު އުޝާމް

އެންމެ ގިނަ މައްސަލަ ލިބުނީ އިންތިގާލީ އިންސާފުގެ އޮފީހުން: އޭޖީ

ބަންޑާރަނައިބްގެ އޮފީހުގައި ގާއިމުކޮށްފައިވާ ސިވިލް ރައިޓްސް އޮފީހަށް އެންމެ ގިނައިން މައްސަލަ ލިބިފައިވަނީ ނިމިދިޔަ ސަރުކާރުގައި ގާއިމުކުރި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅައި އިންސާފު ނުލިބުނު މައްސަލަތައް ކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ "ހަފްތާ 14"ގައި ބަންޑާރަނައިބް އޮފީހާ ހަވާލުކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން އުޝާމް ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީސް އުވިގެން ދިޔައިރު އެ އޮފީހުން 30 މައްސަލައެއް މުޅިން ނިންމާ ދައުވާކޮށްގެން ބަދަލު ހޯދައިދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލަތަކުގެ ލިޔެކިޔުންތައް ބަލަހައްޓާފައި ނުވާ ކަން ފާހަގަކުރެއްވި އެވެ.

"ޝަރީއަތަށް ހުށަހެޅުމަށް 30 މައްސަލައެއް މިއޮތީ. ކޭސް ނަންބަރު ފިޔަވައި އެއްވެސް ލިޔެކިޔުމެއް އޭޖީ އޮފީހަށް ހުށަހަޅާފައެއް ނުވޭ. އެހެންވެ ފުރަތަމަ މި ޖެހެނީ މިމައްސަލަތަކުގައިވެސް ލިޔެކިޔުންތައް ލޮކޭޓު ކުރަން،" އުޝާމް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ހާއްސަ ގާނޫނެއްގެ ދަށުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވީ ޑިސެމްބަރު 17، 2020 ގައެވެ. ގާނޫނު ބުނާ ގޮތުން މި އޮފީހުގެ ދައުރަކީ ދެ އަހަރެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ އޮފީހުގެ މަސައްކަތް ނިންމިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުނުކުރެއްވޭނަމަ އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެ އޮފީހުގެ މަސައްކަތް ނިންމާނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރައްވަންޖެހެ އެވެ. އެގޮތުން ރައީސް ސޯލިހް ވަނީ ނޮވެމްބަރު 17، 2022 ގައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދެއްވާފަ އެވެ. އޭގެފަހުން އެ އޮފީސް ވަނީ ގާނޫނުގައިވާ ގޮތަށް އުވިގެން ގޮސްފަ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އުފައްދަވާ އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 487 މައްސަލަ ހުށަހެޅި އެވެ. ނަމަވެސް ބަލަން ނިންމީ 449 މައްސަލަ ކަމަށް އެ އޮފީހުން ކުރިން ހާމަކުރި މައުލޫމާތުތަކެއްގައިވެ އެވެ.

ނަމަވެސް ބަންޑާރަނައިބް އަހްމަދު އުޝާމް މިއަދު ވިދާޅުވީ އެ އޮފީހަށް ލިބުނު ރިޕޯޓެއްގައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް
465 މައްސަލައެއް ބަލައި 453 މައްސަލަ ނިންމި ކަމަށް ލިޔެފައި އޮތް ކަމަށެވެ. އެކަމަކު މައްސަލަތައް ބެލުމުގައި އެއްވެސް ހަމައެއް ތަރުތީބެއް ނެތް ކަމަށާއި އަދި ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކޮށްފައިވާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވި އެވެ.

ބަންޑާރަނައިބް އިތުރަށް ވިދާޅުވީ ސިވިލް ރައިޓްސް އޮފީހަށް ލިބިފައިވާ މައްސަލަތައް އަވަހަށް ނިންމާ އިންސާފު ހޯދައިދިނުމަށް ބަންޑާރަނައިބް އޮފީހުގެ ތެރެއިން ހާއްސަ ޓީމެއް ނަގައިގެން ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.