ގެއްލިގެން ހޯދަމުންދާ އަލަމާ-5 ދޯނީގެ ފަޅުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާތަނަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފް އިން ދެންމެ ބުނީ ކޯސްޓްގާޑުން މިހާތަނަށް ވަނީ ކަނޑާއި ވައިގެ މަގުން 2720 ސްކޮޔާ ނޯޓިކަލްމޭލްގެ ސަރަޙައްދެއް ބަލާފައި ކަމަށެވެ. އަދި ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.
ސިފައިންގެ މި އޮޮޕަރޭޝަންގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ޑޯނިއާ ފްލައިޓާއި ކޯސްޓްގާޑް އެކޯ-905 ސީ އެމްބިއުލާންސް ކަމަށްވެސް ބުންޏެވެ.
ފ. ފީއަލީ ކައިރިން ފުރައިގެން މާލެ ދަތުރުކުރި ދޯނި ވ. ފުއްސަރުގަޅުގެ ހުޅަނގު ދެކުނުން ހަތަރު މޭލު ބޭރުން ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު އެމްއެންޑިއެފްއަށް ލިބުނީ ރޭ 11:22 ގަ އެވެ. އެ ދޯނި ދަތުރު ކުރީ ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނި ފަހަރުން ފާނަ ގަނެގެން މާލެއަށެވެ.
އެމްއެންޑީއެފުން ކުރީން ބުނީ ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވާ ކަމަށެވެ. އެ ތަކެތި ފެނިފައިވަނީ ފ. އަތޮޅުގެ އުތުރުން އެއް މޭލު ބޭރުން ކަމަށެވެ. ކޯސްޓް ގާޑަށް ފެނިފައި ވަނީ މަސް ފިނިކޮށް ރައްކާ ކުރާ ފޮށިތަކެކެވެ.