އެމްއެންޑީއެފް

އަލަމާ ދޯނިން ގެއްލުނު ދެ މީހަކު ފެނިއްޖެ

Jan 5, 2022
1

ފ. ފީއަލިން ފުރައިގެން ދަނިކޮށް ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ "އަލަމާ 5" ދޯނިން ގެއްލުނު މީހުންގެ ތެރެއިން ދެ މީހުން ފެނިއްޖެ އެވެ.

އަލަމާ އަޑިއަށް ދިޔައިރު އެ ދޯނީގައި ތިބީ ބަންގްލަދޭޝްގެ ދެ މީހަކާއި ދިވެއްސެކެވެ.

ގެއްލުނު މީހުންގެ ތެރެއިން ފެނުނީ ބަންގްލަދޭޝްގެ އަސަދުލް އިސްމާލް (37އ) އާއި ދެން ހުރި ބަންގްލަދޭޝް މީހާ އެވެ. އަދިވެސް ނުފެންނަނީ ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގު (32އ) އެވެ.

ބަންގްލަދޭޝްގެ ދެ މީހުން ފެނުނީ އަޑިއަށް ދިޔަ ދޯނީގައި ހުރި ހަންތަކެއްގެ މަތީގައި ތިބެގެން މޯބައިލް ފޯނުގެ ރޭންޖު ލިބޭ ހިސާބަކަށް ދިޔަ ވަގުތު އެ ފޯނަށް ގުޅޭގޮތްވުމުން އެމީހުން ތިބި ސަރަހައްދު ހޯދައިގެންނެވެ. އެ މީހުން ހޯދީ އދ. ދަނގެއްޗާ ދިމާލު ބޭރުން ކަނޑުމަތިންނެވެ.

އާދަމް ޝަފީގު ހޯދުމުގެ މަސައްކަތް ސިފައިން އަދިވެސް ދަނީ ކުރަމުންނެވެ. ފަސްދޮޅަސް ފޫޓްގެ ދޯނީގައި ހުރި ބައެއް ތަކެތި ފ. އަތޮޅު އުތުުރުން ފެނިފައިވެ އެެވެ.

ފީއަލީ ކައިރިން ފުރައިގެން މާލެ ދަތުރުކުރި ދޯނި ފުއްސަރު ފަޅުގެ ހުޅަނގު ދެކުނުން ހަތަރު މޭލު ބޭރުން ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު އެމްއެންޑިއެފްއަށް ލިބުނީ ރޭ 11:22 ގަ އެވެ. އެ ދޯނި ދަތުރު ކުރީ ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނި ފަހަރުން ފާނަ ގަނެގެން މާލެ އަށެވެ.