ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ވާންގް ޔީގެ ދަތުރުފުޅާ އެކު ގުޅުން އާ އުސްމިނަކަށް ގެންދެވޭނެ: ޗައިނާ

Jan 5, 2022
3

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ގުޅުން އާ އުސްމިނަކަށް ގެންދެވޭނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ވާންގް ޔީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިއަދު ބުނީ ވާންގް ޔީގެ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

އެމްބަސީން ބުނީ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ބައިނަލްއަގްވާމީ ގުޅުންތަކާ ގުޅޭގޮތުން ދެ ގައުމުގެ ވިސްނުންތައް ހިއްސާ ކުރާނެ ކަމަށެވެ.

ވަންގް ޔީގެ ދަތުރުފުޅުގައި ދިވެހި ސަރުކާރާ އެކު އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަކަށް ބުނެފައެއް ނުވެ އެވެ.

ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ އޮކްޓޫބަރު 14، 1972 ގައެވެ. މިއަހަރަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދަތުރުފުޅުގައި ރަންޔޫބިލްގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ރާއްޖޭގެ އެމްބަސީއެއް ޗައިނާގައި ހުޅުވީ 2007 ވަނަ އަހަރު އެވެ. އަދި ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވީ ނޮވެމްބަރު 8، 2011 ގައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމެވީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމަށް ދެއްވެވި ދައުވަތު ގަބޫލުފުޅު ކުރެއްވުމަށް ފަހު އެވެ.