ޑރ. މުހައްމަދު މުއިއްޒު

މުއިއްޒަށް ކުރާ ދައުވާގެ ޝަރީއަތް ކެންސަލް

Jan 6, 2022

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ނޫމަޑި މައްސަލާގައި ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންދިއުމަށް ތާވަލްކުރުމަށްފަހު އަޑުއެހުން ކެންސަލް ކޮށްފި އެވެެ.

ކްރިމިނަލް ކޯޓުގައި އަޑުއެހުން ފެށުމަށް ތާވަލްކޮށްފައި އޮތީ ހެނދުނު 10:00 ޖަހާއިރަށެވެ. އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް އެނގިފައެއް ނުވެ އެެވެ.

މިމައްސަލާގައި އެންމެ ފަހުން ބާއްވަން މަސައްކަތް ކުރި އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. އެ ދުވަހުގެ އަޑުއެހުން ކެންސަލް ކުރީ މުއިއްޒުގެ ދިފާއީ ވަކީލުން އެދިވަޑައިގަތުމާ ގުޅިގެންނެވެ.

ނޫމަޑި މައްސަލައިގައި ދައުލަތުގެ ފަރާތުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގައި މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުން ދިފާއުން ވަނީ ޖަވާބުދާރީ ވެފަ އެވެ. އެގޮތުން މުއިއްޒު ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

ޑރ. މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.

މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާ ގުޅޭ މައްސަލައެއްގައި ވެސް އޭސީސީން ވަނީ މުއިއްޒުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީގައި އެދިފައިވެ އެެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އިތުރަށް ފުރިހަމަކުރުމަށް އަންގާ މިދިޔަ ޑިސެމްބަރު ދެވަނަ ދުވަހު އެ މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލާފަ އެވެ.