ޕީޕީއެމް

އިދިކޮޅު އެއްވުމުގެ ތެރެއިން 28 މީހަކު ހައްޔަރުކޮށްފި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން 28 މީހަކު ހައްޔަރު ކޮށްފި އެވެ.

ޕީޕީއެމް އާއި ޕީއެންސީގެ އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ދިޔަ ހަރަކާތުގައި ބައިވެރިވި އެ ދެ ޕާޓީގެ ސަޕޯޓަރުން ވަނީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުލާފަ އެވެ.

އެ ހަރަކާތުގެ ތެރެއިން 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅުގެ ހަރަކާތްތައް ރާއްވާ ހިންގުމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.

ހިނާ ވިދާޅުވީ މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ "ވަރަށް ލާއިންސާނީ" ގޮތަކަށް ކަމަށެވެ. ގިނަ ބައެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖެހި ކަމަށާއި ބައިވެރިންނަށް އަނިޔާ ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅުގެ ހަރަކާތުގެ ބައިވެރިންނަށް ފުލުހުން އިހާނެތިކޮށް ކަންކުރަނީ ސަރުކާރުގެ ބޮޑުންގެ އިރުޝާދުގެ މަތިން ކަމަށް ވެސް ހީނާ ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ އޭގެން ދޭހަވަނީ ސަރުކާރުން އިންޑިއާގެ އަޅުވެތިކަމުގައިވާ މިންވަރު ކަމަށެވެ.

އިދިކޮޅުން ދަނީ އިންޑިއާ އައުޓް ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ. އިއްޔެ ވެސް ވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެ ހަރަކާތް ހިންގާފަ އެވެ. ފުލުހުން ވަނީ އިއްޔެގެ ހަރަކާތުން ވެސް ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ކުރީ ދުވަހުވެސް 11 މީހުން ހައްޔަރުކުރި އެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ ދެ ޕާޓީގެ އިސް ބޭފުޅުންނާއެކު އަތޮޅުތަކުގެ ބައެއް ރަށްތަކަށް ވަޑައިގެންވެސް އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ.