ޕީޕީއެމް

މީހުން ހައްޔަރުކުރަނީ އިންޑިއާ ދަށުވުމުން: ޕީޕީއެމް

އިންދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވާ މީހުން ހައްޔަރު ކުރަނީ މި ސަރުކާރު އިންޑިއާގެ އަޅުވެތި ކަމުގެ ދަށަށް ވެއްޓިފައި އޮތް އޮތުމުން ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ފުލުހުން ހަތް މީހަކު ހައްޔަރުކޮށްފައި ކަމަށެވެ. ފުލުހުން އެ މީހުން ހައްޔަރުކުރީ "އިންޑިއާ އައުޓް" ނުގޮވޭނެ ކަމަށް ބުނެ ކަމަށާއި އަދި "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓްގައި އަޑުނުއުފުލޭނެ ކަމަށް ބުނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ހިޔާލުފާލުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ރައްޔިތުން ނުކުމެ އަޑުއުފުލުމުން، އެ މީހުން ހައްޔަރުކުރަން ފުލުހުންނަށް އަންގާ ޣައިރު ގާނޫނީ އެންގުންތަކުގައި އުމުރުން ދުވަސްވީ މީހުންނާއި ފިރިހެން ފުލުހުން ފޮނުވައިގެން އަންހެނުން ހައްޔަރުކުރުން ހިމެނޭތީ އެކަން ކުށްވެރިކޮށްފައިވެ އެވެ.

"އެފަދަ އަމަލުތައް ހިންގުމަކީ މިސަރުކާރު ވަރަށް ބޮޑަށް އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ވެއްޓިފައި އޮތް އޮތުމުގެ ސަބަބުން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއް. އަދި އިހްތިޖާޖުގެ ތެރެއިން މީހުން ހިފާ ހައްޔަރުކުރުމުގައި އެއްވެސް ކަހަލަ ހަމައެއް އުސޫލެއް ނެތްކަމާއި ހައްޔަރުކޮށްގެން ގޮސް އެތައް ގަޑިއިރެއް ވަންދެން ފުލުހުންގެ ބަންދުގައި ބައިތިއްބައި ހުދުމުހުތާރު ގޮތަކަށް އަމަލު ކުރަމުންދަނީ ސީދާ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށް،" ބަޔާނުގައިވެ އެވެ.

ހިޔާލުފާޅުކުރަން ނިކުންނަ މީހުން ހައްޔަރުކުރާ މައްސަލަ ކަމާ ގުޅޭ ތަހުގީގީ އިދާރާތަކުން ތަހުގީގު ކުރުމަށްވެސް ގޮވާލާފައިވެ އެވެ. އަދި އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން އިދިކޮޅު ކޯލިޝަނުން ކުށްވެރިވެސް ކޮށްފައިވެ އެވެ.

މަގުމައްޗަށް ނިކުމެ އިންޑިއާ އައުޓް މިދިޔަ ބުދަ ދުވަހު 11 މީހުން އަދި އިއްޔެ ހަތް މީހަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވެ އެވެ.