ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެ ތަރައްގީކުރާނީ ލާމަރުކަޒީ އުސޫލުން: ރައީސް

Jan 7, 2022

އެމްޑީޕީގެ ސިޔާސަތަކީ ލާމަރުކަޒު ކޮށްގެން ރާއްޖެ ތަރައްގީކުރުން ކަމަށްވާތީ މާލެ ސަރަހައްދަށް ހިދުމަތްތައް ޖަމާވާ ގޮތަށް މަޝްރޫއުތައް ހިންގުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މާލޭގައި ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލް ފަދަ އުސް އިމާރާތެއް ހަދައި އެތަނަށް ބައްލަވަން ހުންނެވުމަކީ އެމަނިކުފާނަށް ވެސް އުދަގޫ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް އެގޮތަށް އަމަލުކުރުމުން އައިޖީއެމްއެޗްގެ ކިޔު ދިގުވުން ފިޔަވާ ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމުގައި ވިދާޅުވި އެެވެ. އެހެންވެ ރާއްޖޭގެ ސިއްހީ ނިޒާމު ވެސް ތަރައްގީކުރަން ބޭނުންވަނީ ލާމަރުކަޒު ކޮށްގެން ކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލްތައް ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.

"[ޓާޝަރީ] ފަސް ހޮސްޕިޓަލަށް ކުރާ ހަރަދު އެއްކޮށްލާފައި އަޅުގަނޑަށްވެސް އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް ހެދިދާނެ. އެއްވެސް ކަމެއް ނޫން އެއަކީ. އަދި މައްޗަށް އެއާ ދިމާޔަށް ބަލަންވެސް އިނދެވިދާނެ. އެތަނަށް ޑޮކްޓަރުންވެސް ލެވިދާނެ. ހިދުމަތްތައްވެސް ލެވިދާނެ" ރައީސް ވިދާޅުވި އެވެ.

ރާއްޖެ ހިންގާނީ ލާމަރުކަޒުކޮށްގެން ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވާހަކަދައްކަވާފައި މިވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ ދެންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މާލެ ސަރަހައްދުގައި ތަރައްގީގެ މަޝްރޫއުތައް ހިންގެވުމަށް ކަމަށް ވިދާޅުވެ މަރުކަޒު ކުރުމަށް ތާއީދުކުރައްވާ ރައީސް ޔާމީން މިދިޔަ ހަފްތާ ވާހަކަދައްކަވާފައި ވަނިކޮށެވެ.

ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދާއިރު ސަރުކާރުގެ ސިޔާސަތާއި ފިކުރު ދިމާވާ މެންބަރުން މަޖިލީހުގައި ތިއްބެވުން ވަރަށް މުހިއްމު ކަމަށެވެ. ކޮމަންޑޫ ދާއިރާގެ މެންބަރަކަށް ވުމަށް ބޭނުންވަނީ ލާމަރުކަޒީ ފިކުރު ކުރިއަށް ނެރުއްވައިގެން ދާއިރާ ތަރައްގީ ކުރާނެ ކެންޑިޑޭޓެއް ކަމަށާއި އެ ބޭފުޅަކީ މުހައްމަދު ރަޝީދު ކަމުގައިވެސް ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރާއްޖެ ތަރައްގީކޮށް ކައިރިން ހިދުމަތްތައް ދޭން ބޭނުންވާއިރު މަޖިލީހުގައި އެ ފިކުރު ބޭނުންވާނެ. މިއާ ދިމާ އިދިކޮޅު ފިކުރުގެ ބަޔަކު މި ދާއިރާއަށް އިންތިޚާބުކޮށްފިއްޔާ އުދަނގޫވާނެ." ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިޒަމާނުގައި ސަރުކާރުތައް އުފައްދަނީ އަދި އިންތިހާބުތައް ކާމިޔާބު ކުރަނީ މެނިފެސްޓޯ ނުވަތަ ވައުދުނާމާއެއް ރައްޔިތުންނަށް ހުށަހަޅައިގެން ކަމަށެވެ. އެމްޑީޕީން ވެރިކަމަށް އައީވެސް އަދި މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދީ ވެސް ވައުދުތަކެއްގެ ވެގެން ކަމަށާއި މިހާރު ކުރަމުންދަނީ އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކަމުގައި ވިދާޅުވި އެވެ. އެހެންވެ އިންތިހާބުގައި ވާދަކުރައްވާ އެހެން ޕާޓީ ތަކުގެ ކެންޑިޑޭޓުން މަޑުޖެހުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ވައުދުތައް ބަރާބަރަށް ފުއްދަމުން މިދަނީ. އެމްޑީޕީ އަށް އެކަން ކުރެވޭނީ. ލަމާރުކަޒީކޮށް ހިދުމަތް ގާތުން ދިނުމަކީ އެމްޑީޕީގެ ވައުދެއް. އެމްޑީޕީގެ ފަލްސަފާއެއް،" ރައީސް ވިދާޅުވި އެވެ.

ކޮަމަންޑޫ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައި ހުންނަވަނިކޮށް އަވަހާރަވި ހުސައިން ވަހީދާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ ހުސައިން އަކީ އެމަނިކުފާނަށް ގެއްލުނު ވަރަށް ތެދުވެރި އިހްލާސްތެރި އެކުވެރިޔެއް ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ރަށްތަކުން މިދިޔަ ތިން އަހަރު ފެނުނު ވަރުގެ ތަރައްގީއެއް އެރަށްތަކުގެ ރައްޔިތުން ދުވަހަކުވެސް ނުދެކޭނެ ކަމަށާއި އެއީ ހުސައިންގެ މަސައްކަތުގެ ސްޕީޑް ކަމަށްވެސް ވިދާޅުވި އެވެ. ކޮަމަންޑޫ ދާއިރާ އަށް ވެސް ދެންވެސް ބޭނުންވަނީ އެ ސްޕީޑް ހުންނެވި ބޭފުޅެއް ކަމަށާއި މުހައްމަދު ރާޝިދަކީ އެކަހަލަ ބޭފުޅަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.