ޓެރަރިޒަމާ ގުޅުންހުރި މައްސަލައެއްގައި ވިލިމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ކަމާ ގުޅޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ވިލިމާލެއިން މީހަކު ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ ޝައްކު ކުރެވޭ ބައެއް ތަންތަން ބަލާ ފާސްކޮށްފަ އެވެ.
ފުލުހުންގެ އޮޕަރޭޝަންގައި ތުހުމަތުކުރެވުނު ކުށާ ގުޅުންހުރި އިލެކްޓްރޯނިކް ބައެއް އާލާތްތަކާއި ބައެއް އިތުރު ހެކި ހޯދާފައިވެ އެވެ.
ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކޮށް އެ މީހާގެ ބަންދަށް މުއްދަތު ޖަހާފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.
ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމަށް ޝައްކު ކުރެވޭ މީހުން ހޯދުމަށް ފުލުހުން ދޭތެރެދޭތެރެއިން ބައެއް އޮޕަރޭޝަންތައް ހިންގަމުންދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށްފަހު ފުލުހުން ވަނީ މާލެއާއި އައްޑޫގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް ޓެރަރިޒަމާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގުމަށްފަހު ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.