އީރާނުން ކުރުރާސްތާ ބެލިސްޓިކް މިސައިލްތަކެއް ދައްކާލައިފި އެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނާ ގޮތުން މިއީ މުޅިން އާ މޮޑެލްތަކެއް ނޫނެވެ.
ނުފޫޒު ގަދަ ގައުމުތަކުން ބުނާ ގޮތުން ބެލިސްޓިކް މިސައިލް ފަދަ ބާރުގަދަ ހަތިޔާރު އުފައްދާ ޓެސްޓްކުރުމަކީ އީރާނަށް މަނާ ކަމެކެވެ. އަދި އީރާނުން ބާރުގަދަ ހަތިޔާރު ލިބިގަތުމަށް މަސައްކަތް ކުރުމަކީ ދަތިކުރުންތައް އިތުރުވެދާނެ ސަބަބެއް ކަމަށްވެސް ހުޅަނގުން ބުނެ އެވެ.
އީރާނުން މިސައިލްތަކެއް ދައްކާފައި މިވަނީ އީރާން ނިއުކްލިއާ މަޝްވަރާތައް ވިއެނާގައި އަލުން ފެށި ކުރިއަށްދާ ދުވަސްވަރެއްގަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އިރާނުން ގޮތް ދޫނުކޮށްފި ނަމަ ގެއްލުން އޮތީ ވެސް އީރާނަށެވެ.
ބެލިސްޓިކް މިސައިލްތަކުގެ ރާސްތާ އުޅެނީ 1،000 ކިލޯމީޓަރު ސަރަހައްދެއްގައި ކަމަށް އީރާންގެ އަސްކަރިއްޔާއިން ބުނެ އެވެ. އަދި މިސައިލްތަކުގެ ބޭނުމަކީ ކަނޑުންނާއި އެއްގަމުން ވައްްކަންކުރާ ދުޝްމަނުން ހޭލައްވާލުން ކަމަށް ވެސް ބުނެ އެވެ.
އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބުޒާދާ ވިދާޅުވި ގޮތުގައި އެމެރިކާއާ ބައިވެރިން އީރާނަށް މިހާރު ވެސް އޮތީ އިގްތިސޯދީ ގޮތުން ގަދަފަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
އީރާނުން ސުލްހައިގެ މަޝްވަރާތަކުގައި ކިތަންމެ ސީރިއަސް ނަމަވެސް އެމީހުން ބޭނުންހާ ގޮތަށް ރުހިގެން ނޫނީ ލުއިދޭނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
އީރާނުން ބުނެފައި އޮތީ 2015 ގައި އެއްބަސްވި ގޮތް ނޫން ގޮތަކަށް އެއްބަސް ނުވެވޭނެ ކަމަށެވެ. އޭގެ ތެރެއަށް މާއްދާތައް އިތުރުކުރުމަކީ އީރާނުން ބަލައި ނުގަންނާނެ ކަމެއް ކަމަށްވެސް އޮތީ ބުނެފަ އެވެ.
އެމެރިކާ އާއި ހުޅަނގުން ބޭނުންވަނީ އީރާނަށް ހިރިނުލެވޭވަރު ކުރާށެވެ. އަނެއްކޮޅުން އީރާން އަތުގައި ހުރި ހުރިހާ ހަތިޔާރެއްގެ ބާރު ދަށްކުރުވުމަކީ ވެސް އިޒްރޭލުން އެދި އާދޭސްކުރާ ކަމެކެވެ.