އެމްއެންޑީއެފް

އަލަމާ ދޯނީގެ ކެޕްޓަން ހޯދުމުގެ މަސައްކަތް ކުޑަކޮށްފި

Jan 9, 2022
1

ފ. ފީއަލިން ފުރައިގެން ދަނިކޮށް ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ "އަލަމާ 5" ދޯނިން ގެއްލުނު ކެޕްޓަން -- ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގު (32އ) ހޯދުމަށް ކުރިއަށް ގެންދިޔަ މަސައްކަތްތައް ކުޑަކޮށްފައިވާ ކަމަށް ސިފައިންގެ އިން ބުނެފި އެވެ.

އަލަމާ ދޯންޏާއި ފަޅުވެރިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިމަހުގެ ތިން ދުވަހުގެ ރޭ ފެށީ ފުސްފަރު ހުޅަނގުން އަޑިއަށް ގޮސް ދޯންޏާއި ދޯނިން ދަތުރުކުރި ތިން މީހުން ކަނޑުވުމާ ގުޅިގެންނެވެ.

މީހުން ހޯދުމަށް ކޯސްޓްގާޑުން ކަނޑާއި ވައިގެމަގުން ކުރި މަސައްކަތުން މިމަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 06:50 އެހާއިރު ދޯނީގައި ތިބި ދެ ބިދޭސީން ވަނީ ސަލާމަތުން ތިއްބާ ހޯދާފަ އެވެ. އެކަމަކު ދޯނީގެ ކެޕްޓަން އާދަމް ނުފެނުމުން އޭނާ ހޯދުމަށް ކޯސްޓްގާޑުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ސިފައިން މިރޭ ބުނީ އާދަމް ހޯދުމަށް ކަނޑާއި ވައިގެ މަގުންް 7،299 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން މީހުން ހޯދުމުގައި ދޯނީގެ ވެރިފަރާތުގެ އިތުރުން ދޯނި އަޑިއަށް ދިޔަ ސަރަހައްދުގެ ރަށު ކައުންސިލް އިދާރާތަކުންނާއި، ރިސޯޓްްތަކާއި، ފުލުހުން އަދި ރާއްޖޭގެ ފުލައިޓް އޮޕަރޭޓް ކުރާ ފަރާތްތަކުގެ އެހީތެރިކަން ލިބުނު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އަލަމާ 5 ދޯނީގެ ކެޕްޓަން ހޯދުމުގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޒަމާނީ ވަސީލަތްތައް ވެސް ބޭނުންކޮށްފައިވެ އެވެ. ކޯސްޓްގާޑާއި އާންމު ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އާދަމްގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާތީވެ، ކޯސްޓްގާޑުގެ އެކްޓިވް ސާޗް އޮޕަރޭޝަން މިހާރު ސާފޭސް ސާޗް އޮޕަރޭޝަނަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ސިފައިންގެ އިން މިރޭ މައުލޫމާތު ދީފައިވެ އެވެ.

އާދަމްގެ އެއްވެސް މައުލޫމާތެއް ނުވަތަ ނިޝާނެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާކޮށްދިނުމަށްވެސް އެމްއެންޑީއެފް އިން އެދިފައިވެ އެވެ.