ބޮލީވުޑް

އިންޑިއާގައި އެންމެ ގިނަ މީހުން ގޫގުލް ކުރީ "ސަނީ ލިއޯން"

Dec 17, 2015
1

މަދު ދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދައި ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްފައިވާ ބަތަލާ ސަނީ ލިއޯން މިހާތަނަށް ނަން މަޝްހޫރު ތަރިންނާއެކު ފިލްމެއް ކުޅެފައި ނުވިޔަސް އޭނާއަކީ ގިނަބައެއްގެ މެދުގައި މަގުބޫލު ތަރިއެކެވެ.

ބެލުންތެރިންގެ މެދުގައި ސަނީ އަކީ މަގުބޫލު ތަރިއެއް ކަން އަނެއްކާވެސް ހާމަވެގެން ގޮސްފައިމިވަނީ މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ގޫގުލްއިން ސާޗް ކޮށްފައިވާ ބޮލީވުޑްގެ ތަރީގެ މަގާމު އޭނާއަށް ލިބިގެން ގޮސްފައިވާތީ އެވެ.

މިދިޔަ އަހަރުވެސް ސަނީ ވަނީ ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ގިނަބަޔަކު ސާޗްކޮށްފައިވާ ތަރީގެ ގޮތުގައި ހޮވިފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ނިމުމާއި ދިމާކޮށް، އިންޑާއަށް ނިސްބަތްވާ މީހުންގެ ތެރެއިން އެންމެ ގިނަބަޔަކު މިއަހަރު ހޯދާފައިވާ މީހަކަށް ސަނީ ހޮވިފައިވާކަން ގޫގުލްއިން އާންމުކޮށްފައިވާ ރިޕޯޓްގައިވެ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އެންމެ ގިނަ ބަޔަކު ހޯދާފައިވާ މީހަކަށް ސަނީ ވެފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މިހާތަނަށް މުޅިންވެސް އޭނާގެ ފެނިގެން ގޮސްފައިވަނީ ބޭއަދަބީ ހަރަކާތްތައް ދައްކުވައިދޭ ފިލްމުތަކުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅުމުގެ އިތުރުން ސަނީގެ ކޮންމެވެސް ވާހަކައެއް އަބަދުވެސް ނޫސްތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދަ އެވެ.

އެގޮތުން ފިލްމުތަކުގައި ސަނީ ބޭއަދަބީ ހަރަކާތްތައް ދައްކުވާކަމަށް އޭނާއާއި ދެކޮޅަށް މީހަކު ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، މުމްބައިގައި އޭނާ ދިރިއުޅެމުން އަންނަ ބަތަލާ ސެލީނާ ޖެއިޓްލީގެ ގެއިން ވަނީ މުޑުދާރު ކަމަށް ބުނެ ނިކުންނަންވެސް އަންގާފަ އެވެ. މީގެއިތުރުން ވެސް އިންޑިއާގައި ރޭޕްތައް ގިނަވުމުގެ ސަބަބުން އެކަމާއި ދެކޮޅަށް އަޑުއފުލުމަށް ހެދި ކޮންޑަމް އިޝްތިހާރެއް ސަނީ ކުޅުމުން އެނާ އާއި ދެކޮޅަށް ގިނަބަޔަކު ވަނީ އަޑުއުފުލާފަ އެވެ. އަދި މިއަހަރު ނިކުތް އޭނާގެ ދެފިލްމު ކަމަށްވާ "އޭކް ޕަހޭލީ ލީލާ" އާއި " ކުޗް ކުޗް ލޯޗާހޭ"ގައި ގައިގޯޅި، ބޭއަދަބީ މަންޒަރުތައް ގިނަކަމުން ސެންސަރު ބޯޑުން ގިނަ މަންޒަރުތަކެއް ކަނޑާފައިވާ މައްސަލައާއި މިފަހުން ނިކުތް ވީޑިއޯ ލަވައެއް ކަމަށްވާ "ސުޕާ ގާލް ފްރޮމް ޗައިނާ" މިލަވަގައި ނިވާކަން ކުޑަ ހެދުން ބޭނުންކޮށްފައިވާތީވެސް ގިނަބަޔަކު ވަނީ އޭނާއާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

އެންމެ ގިނައިން ސާޗްކޮށްފައިވާ އިންޑިއާގެ 100 މީހުންގެ ލިސްޓުގެ އެއްވަނަ އަށް ސަނީ ހޮވުނުއިރު، މިލިސްޓުގެ ދެވަނައިގައި އޮތީ ސުޕަސްޓާ ސަލްމާން ޚާން އެވެ. މިއީ މިދިޔަ އަހަރު ސަލްމާން އޮތް ދަރަޖަ އަށް ވުރެން އެއް ދަރަޖަ މަތީ އަދަދެކެވެ.

މީގެއިތުރުން ވެސް ބޮލީވުޑްގެ ތަރިންގެ ތެރެއިންވެސް އެންމެ ގިނަބަޔަކު ހޯދާފައިވާ ދެތަރިންގެ މަގާމުވެސް ލިބިފައިވަނީ ސަލްމާނާއި ސަނީ އަށެވެ.

މިދިޔަ އަހަރު ދެވަނަ މަގާމު ލިބިފައި އޮތީ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ އަށް ނަމަވެސް މިއަހަރު މޯދީއަށް ލިބިފައިވަނީ ދިހަ ވަނަ އެވެ. ތިންވަނަ ކުރީގެ ރައީސް އޭޕީޖޭ އަބްދުލް ކަލާމް އަށް ލިބިފައިވާއިރު، ގަދަ ދިހައެއްގައި ހިމެނިގެން ގޮސްފައިވާ ތަރިންނާއި މީހުންނަކީ އާލިއާ ބަޓް، ކެޓްރީނާ ކައިފް، ދިޕިކާ ޕަދުކޯން، ޝާހްރުކް ޚާނާއި ޔޯޔޯ ހަނީ ސިންގްގެ އިތުރުން ކާޖަލް އަގަރްވާލް އެވެ.

އެންމެ ގިނަބަޔަކު ސާޗްކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެއްވަނަ "ބަހޫބާލީ" އަށް ލިބިފައިވާއިރު، ދެވަނަ އާއި ތިންވަނަ ލިބިގެން ގޮސްފައިވަނީ ސަލްމާންގެ "ބަޖްރަންގީ ބައިޖާން" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" އަށެވެ. އަދި އެންމެ ގިނައިން ސާޗްކޮށްފައިވާ ދިހަ ބަތަލާއިންގެ ލިސްޓުގައި ހިމެނިގެން ގޮސްފައިވަނީ ސަނީ، ކެޓްރީނާ، ދިޕިކާ، އާލިއާ، ރާދިކާ އަޕްތޭ، އަނުޝްކާ ޝަރްމާ، އައިޝްވާރިޔާ ރާއީ، ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން ޕޫނަމް ޕާންޑޭ އެވެ. އަދި ބަތަލުންގެ ތެރޭގައި އެންމެ ގިނައިން ސާޗްކޮށްފައިވާ ދިހަ ތަރިންނަކީ ސަލްމާން، ޝާހްރުކް، އަކްޝޭ ކުމާރު، ޝާހިދު ކަޕޫރު، ރިތިކް ރޯޝަން، ރަންބީރު ކަޕޫރު، އާމިރް ޚާން އާއި ވަރުން ދަވަންގެ އިތުރުން އަމީތާބް ބައްޗަން އާއި އަޖޭ ދޭވްގަން އެވެ.

މިއަހަރަކީ ހުރިހާ ގޮތަކުން ވެސް ސަލްމާނަށް ބޮޑު އަހަރެކެވެ. އެކްސިޑެންޓް މައްސަލައިގައި ކުށްވެރިވާ ކަމަށް ނިންމައި ފަސްއަހަރަށް ޖަލަށްލާން މެއި މަހުގެ ހަވަނަ ދުވަހު ހުކުމް ކުރުމަށްފަހު، އިސްތިއުނާފުގެ މައްސަލަ ނިމެންދެން ގޭބަންދަށް ބަދަލުކުރުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ސަލްމާން މިނިވަންކޮށްފަ އެވެ. މީގެއިތުރުންވެސް މިއަހަރު ނިކުތް ސަލްމާންގެ ދެފިލްމު ކަމަށްވާ "ބަޖްރަންގީ ބައިޖާން" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" ވަނީ އޭނާގެ މުޅި ފިލްމީ ކެރިއަރުގައި ނިކުތް އެންމެ ބޮޑު ކާމިޔާބީ ލިބުނު ފިލްމަށް ވެގެން ގޮސްފަ އެވެ.