ދުނިޔެ

ކެރޭނު ވެއްޓުނު ހާދިސާގައި ކުށްވެރިވަނީ އިންޖިނިއަރުންނާއި ޓެކްނީޝަނުން

މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި މައްކާގެ ހަރަމްފުޅު ތެރެއަށް ކެރޭނެއް ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާގައި ޒިންމާވާ ފަރާތްތަކަކީ ކޮބައިކަން އެ މައްސަލަ ތަހުގީގި ކުރާ ސައުދީ އަރަބިއްޔާގެ ބިއުރޯ އޮފް އިންވެސްޓިގޭޝަން އެންޑް ޕަބްލިކް ޕްރޮސެކިއުޝަން (ބީއައިޕީ) އިން މި ވަނީ ނިންމައިފަ އެވެ.

މިހާދިސާގައި ކުށްވެރިވާ މީހުންގެ ޖުމްލަ އަދަދެއް ހާމަނުކުރި ނަމަވެސް ސައުދީގެ ރަސްމީ މީޑިއާ އިން ހާމަކުރާ ގޮތުގައި އިންޖިނިއަރުން އަދި ޓެކްނީޝަނުން މީގެ ތެރޭގައި ހިމެނެ އެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ. ދައުވާ އުފުލުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ވެއްޓުނު އެ ކެރޭނަކީ ހަރަމްފުޅު ބޮޑު ކުރުމަށް ބިން ލާދިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުގައި އެ ކުންފުނިން ބޭނުން ކުރަމުން އައި ކެރޭނެކެވެ. މި ހާދިސާއަށްފަހު އެ ކުންފުނިން ސައުދީ އަރަބިއްޔާގައި ހިންގާ ހުރިހާ ޕްރޮޖެކްޓެއް ވަނީ ވަގުތީ ގޮތުން ހުއްޓުވާފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެކުންފުންޏަށްވެސް އަދަބެއް ވަރަށް ވެސް ގާތެވެ.

ސެޕްޓެމްބަރު މަހު 11 ވަނަ ދުވަހު ހިނގި މިހާދިސާގައި 111 މީހުން މަރުވެ، 394 މީހުން ޒަހަމްވި އެވެ. ކެރޭން ވެއްޓެން ދިމާވީ ބާރު ވަޔާ އެކު ކުއްލިއަކަށް އައި ބާރުގަދަ ކޮޅިގަނޑެއްގަ އެވެ. އެ ހާދިސާގައި މަރުވި، އެންމެންގެ ޖަނާޒާގެ ކަންކަމާއި ބޭސް ފަރުވާގެ ކަންކަން ކުރަނީ ސައުދީ ސަރުކާރުންނެވެ.