ރައީސް އަބްދުﷲ ޔާމީން

ފަތުހީގެ ކެމްޕޭނަށް ރައީސް ޔާމީން މަރޮށްޓަށް

Jan 15, 2022

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ށ. މަރޮއްޓަށް ވަޑައިގެންފި އެވެ.

ރައީސް ޔާމީން މަރޮށްޓަށް ވަޑައިގެން ފަތުހީގެ ކެމްޕޭން ޓީމާ ބައްދަލުކުރެއްވި އެވެ. އަދި ކެމްޕޭން ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވައި އިތުރަށް ކުރަންވީ ކަންކަން އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ.

ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޔާމީން މިދިޔަ ބުރާސްފަތި ދުވަހު އެންމެ ފުރަތަމަ ވަޑައިގަތީ ކޮމަންޑޫ އަށެވެ. އެރަށުގައި ކެމްޕޭން ޓީމާ ބައްދަލުކުރެއްވުމުގެ އިތުރަށް ކެމްޕޭންގެ ހަރަކާތްތަކުގައި އަމަލީ ގޮތުން މަސައްކުރެއްވި އެވެ.

ރައީސް ޔާމީން އިއްޔެ ހަވީރު ވަނީ ށ. އަތޮޅުގެ ވެރިރަށް ފުނަދޫ އަށް ވެސް ވަޑައިގެންފަ އެވެ. އެރަށުގައި އިންތިޒާމު ކުރި އިންޑިއާ އައުޓް ހިނގާލުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޔާމީން މިއަދު އަލުން ކޮމަންޑޫ ދާއިރާގެ މަރޮށްޓަށް ވަޑައިގަަތުމަށްފަހު ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫ އަށް ވެސް ވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ ވާދަކުރައްވާއިރު އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު އަދި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް ދަނީ ވާދަކުރައްވަމުންނެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ އިންތިހާބުގެ ކެމްޕޭން ފޯރި މިހާރު ވަނީ ވަރަށް ގަދަވެފަ އެވެ.