މުހައްމަދު ނާޒިމް

ނުފުއްދޭ ވައުދެއް ނުވާނަން: ނާޒިމް

Jan 17, 2022

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނުފުއްދޭ ވަރުގެ ވައުދެއް ނުވާނެ ކަމަށާއި އެ ޕާޓީން މިހާތަނަށް ވެފައިވާ ހުރިހާ ވައުދެއް ފުއްދައިދީފައިވާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސްގެ ވައުދުތައް ހާމަކުރުމަށް މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ހަންނާންގެ ވައުދުތައް އެކުލަވާލާ އިއުލާންކުރީ ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫ އަށް ތަކުރާރުކޮށް ޒިޔާރަތްކޮށް އެތައް ފަހަރަކު ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމަށްފަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ފަރުދީ ގޮތުންނާއި އަދި ސަރުކާރާ ގުޅިގެން ކުރެވޭނެ ކަންކަން ހުންނާނެކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ހަންނާން މިރޭ ވެވަޑައިގެންނެވި ވައުދުތަކަކީ ނުފުއްދޭނެ ވައުދުތަކެއް ނޫން ކަމަށެވެ. ހަންނާނަކީ އެމްއެންޕީގެ ކެންޑިޑޭޓަށްވާއިރު އެމްއެންޕީން ވެސް ނުފުއްދޭ ވަރުގެ ވައުދެއް ނުވާނެ ކަމުގައި ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭނެ ވާހަކަ އެމްއެންޕީގެ ކެންޑިޑޭޓް ދައްކަވަން ފެއްޓެވުމުން ކޮންމެ ދުވަހަކުހެން ސަރުކާރުން އާ ވައުދުތަކެއް އިއުލާން ކުރަމުންދާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. އެކަމަކު ސަރުކާރުން އެކުރާ ކަންކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާ ކަމަށާއި ރައްޔިތުން "ގުނބޯ ހައްދައިގެން" މިއަދު ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިރޭ 7:30 ގައި އަޅުގަނޑުގެ މީޑިއާ ޓީމުން ބުނީ ކުއްލިއަކަށް އިވިއްޖެއޭ އެއާޕޯޓް ވާހަކަ. އަޅުގަނޑުމެން މިރޭ ގިނަ ވާހަކަަ ދައްކާލީމާ މާދަމާ ހެނދުނު އަނެއްކާ އާ ވައުދުތަކެއް އަންނާނެ. އެކަމާ އެއްގޮތަކަށް ކަންބޮޑުވާނެ ކަމެއް ނެތް. ތިބޭފުޅުންނަށް [ކޮމަންޑޫ ދާއިރާއަށް] އޮތީ ކުރިއެރުން. އަޅުގަނޑުމެން މި ޕާޓީން ވާހަކަދެއްކި ވަރަކަށް ތިބޭފުޅުންނަށް އޮތީ ކުރިއެރުން،" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވީ ސަރުކާރަށް ތާއީދު ކުރާ މެންބަރަކު ހުރެގެން އެ ދާއިރާއަކަށް ލިބުނު މޮޅެއް ނެތް ކަމަށެވެ. ކޮމަންޑޫ ދާއިރާގެ މެންބަރު ކަމުގައި މިދިޔަ ތިން އަހަރު ހުރީ ސަރުކާރަށް ތާއީދުކުރާ މެންބަރެއް ކަމަށާއި ނަމަވެސް ކޮމަންޑޫ ދާއިރާއަށް ސަރުކާރުން އޮތީ ވަރަށް ބޮޑަށް އިހްމާލުވެފައި ކަމަށެވެ.

"ސަރުކާރުގެ މެންބަރެއް ހުރި. ސަރުކާރު މެންބަރެއް ހުރި ތިން އަހަރުވީ. ކޮބައިތޯ ކޮށްދެވުނު ކަމެއް. އެހެންވީމާ އަޅުގަނޑު ދަންނަވަން އޮތީ ސަރުކާރުގެ މެންބަރެއް ހުރެގެން ވާކަމެއް ހަމަ ހަރާމޭ. ސަރުކާރު މެންބަރެއް ހުރެގެން ވާކަމެއް ހަމަ ހަރާމޭ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެމްއެންޕީގެ ކެންޑިޑޭޓް ހޮވައިގެން ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށެވެ. އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާ އަށް އިއުލާންކުރި މަޝްރޫއުތައް ވެސް އެމްއެންޕީގެ ކެންޑިޑޭޓަކު ހޮވައިގެން ހުއްޓުވާ ނުލެވޭނެ ކަމަށާއި 2023ގެ ރިޔާސީ އިންތިހާބު ބޭނުންވާނަމަ އެކަންކަން ޖެހޭނީ ކޮށްދޭން ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ދާއިރާގެ ރައްޔިތުން ހަންނާން ހޮވައިދީފިނަމަ އާ އުސްމިންތަކަކަށް ކޮމަންޑޫ ދާއިރާ ގެންގޮސްދޭނެ ކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ހުރިހާ ރައްޔިތުން ހަންނާނަށް ވޯޓް ލައިދިނުމަށްވެސް ނާޒިމް އެދިވަޑައިގެންނެވި އެވެ.