ދާރުލް އާސާރާއި އުތީމު ގަނޑުވަރު ވަގުތީގޮތުން ބަންދުކޮށްފި އެވެ.
ހެރިޓޭޖު މިނިސްޓްރީން އަންގައިގެން އެ ދެ ތަން ބަންދުކުރީ ދެ ހަފްތާގެ މުއްދަތަކަށެވެ.
ދާރުލް އާސާރާއި އުތީމު ގަނޑުވަރު ބަންދުކުރީ ކޮވިޑްގެ ހާލަތު މާލެ އާއި އަތޮޅުތަކުގައި ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ހެރިޓޭޖު މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖޭގައި 2020 ވަނަ އަހަރު ކޮވިޑްގެ ހާލަތު އެންމެ ގޯސްވިއިރު ވެސް ދާރުލް އާސާރާއި އުތީމު ގަނޑުވަރު ބަންދުކުރި އެވެ. މި ދެ ތަން އަލުން ހުޅުވީ މިދިޔަ އަހަރު ފަހުކޮޅު އެވެ.
އުތީމު ގަނޑުވަރު ބަލައިލުމަށް އަހަރަކު 6،000 އެއްހާ މީހުން ޒިޔާރަތް ކުރާ ކަމަށް ބެލެވޭއިރު ދާރުލް އާސާރަށް ވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ޒިޔާރާޠް ކުރެ އެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 50 މީހުންނަށް ވުރެ ގިނަ މީހުން އެއްވެގެން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.
މީގެއިތުރުން ކުޅިވަރު ހަރަކާތްތަކާއި މަގުމަތީ ބާޒާރު ފަދަ ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް މިދުވަސްވަރު ނުބޭއްވުމަށްވެސް އަންގާފައިވެ އެވެ. އަދި މާލެ އިން އަތޮޅުތަކަށް ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓް ހެދުމަށް ވެސް މަޖުބޫރުކޮށްފައިވެ އެވެ.