އުތީމް

އުތީމު ގަނޑުވަރު ބަންދުކޮށްފި

Mar 5, 2022

ހއ. އުތީމުގައި ކޮވިޑް 19ގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އުތީމު ގަނޑުވަރު ވަގުތީގޮތުން ބަންދުކޮށްފި އެެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އުތީމުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ އެރަށުގެ ޓާސްކްފޯސްގެ ލަފާގެ މަތިންނާއި އެ ރަށު ކައުންސިލުން އެދިފައިވާތީ މިއަދުން ފެށިގެން ގަނޑުވަރު ބަންދުކޮށްފައިވާ ކަމަށެވެ.

"ކޮވިޑް 19ގެ ހާލަތަށް ރިއާޔަތްކޮށް ހއ. އުތީމު ގަނޑުވަރު އަލުން ހުޅުވާނެ ދުވަހެއް މިމަރުކަޒުން އިއުލާން ކުރާނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ." އިއުލާންގައިވެ އެވެ.

އުތީމު ކައުންސިލުން ބުނާ ގޮތުގައި ގަނޑުވަރު ބަލާލުމުގެ ގޮތުން އަހަރަކު 6،000 އެއްހާ މީހުން އުތީމަށް ޒިޔާރަތް ކުރެ އެވެ.

ކޮވިޑް 19އާއި ގުޅިގެން މިދިޔަ ޖެނުއަރީ މަހު ވެސް ގަނޑުވަރު ބަންދުކުރި އެވެ. ގަނޑުވަރު އަލުން ހުޅުވާލީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.

އުތީމުގައި ކޮވިޑް ފެތުރެމުންދާތީ މިވަގުތު އެރަށުގެ 58ގެ ވެސް ހުރީ ކަރަންޓީނަށް ލާފަ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭގެ އިރުޝާދުތަކަށާއި ގައިޑްލައިންތަކަށް އަމަލުކުރުމަށް އުތީމު ކައުންސިލުންނާއި އެރަށުގެ ސިއްހީ މަރުކަޒުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

އުތީމު ގަނޑުވަރަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ގައުމީ ބަތަލް، އުތީމަށް ނިސްބަތްވެވަޑައިގަންނަވާ ބޮޑުތަކުރުފާނު އެރަށުގައި ދިރިއުޅުއްވި ގަނޑުވަރެވެ.