އުތީމް

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލްއާސާރެއް ހަދަނީ

Jan 29, 2022

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލްއާސާރެއް ހެދުމަށް ސަރުކާރުން ނިންމައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުންދޭ މައުލޫމާތާއި އެއްގޮތަށް އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ އިރުމަތި ފަރާތުގައި ހުންނަ ބާ ސުކޫލު އިމާރާތުގެ ތިން ކްލާސްރޫމް ގުޅުވައިގެން ދާރުލް އާސާރެއް ހެދުމަށް ބޭނުންވާ ކަމަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ދާރުލްއާސާރުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.

ބީލަން ހުށަހަޅައި ހުޅުވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގަ އެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ހަދާ ދާރުލްއާސާރު ހާއްސަކުރަން ނިންމާފައިވަނީ ބޮޑުތަކުރުފާނާއި އުތީމާ ގުޅޭ ތާރީހީ އާސާރަކަށެވެ.

ޒަމާނީ ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށާފަ އެވެ. އެގޮތުން އެ އިމާރާތް އިތުރަށް އާބާތުރަ ފިލުވުމާއި، ތަފާތު ޖަލްސާތަކާއި ހަރަކާތްތައް ބޭއްވޭ ގޮތަށް މަލްޓި ޕާޕަސް ހޯލެއް ހެދުމާއި، ކެފޭއެއް ހެދުމާއި ސުވެނިއާ ފިހާރައެއް ހެދުމަށްވެސް ސަރުކާރުން ނިންމާފައިވެ އެވެ.