މޯލްޑިވިއަން

މޯލްޑިވިއަންގެ ބޯޓުތައް ގަންނަން ފައިނޭންސް ކުރާނެ ބަޔަކު ހޯދަނީ

Jan 22, 2022
6

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އޭޓީއާރް މަރުކާގެ ތިން ބޯޓު ގަތުމަށް ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ބޯޓުތައް ގަތުމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ފްރާންސްގެ އޭޓީއާރް ކުންފުންޏާ އެކު އޭޓީއާރް 600-72 ގެ ދެ ބޯޓާއި އޭޓީއާރް 42-600 ގެ އެއް ބޯޓް ގަތުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ގައުމީ އެއާލައިނުން އެކަން ހާމަކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ބޯޓުތައް ގަތުމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިދޭނެ ބަޔަކު ހޯދުމަށް ގައުމީ އެއާލައިނުން އިއްޔެ ކޮށްފައިވާ އިއުލާންގައި ވަނީ ބޯޓުތައް ގަންނަން ބޭނުންވާ އަގު ވެސް ހާމަކޮށްފަ އެވެ. އެގޮތުން ރިކުއެސްޓް ފޮ ޕްރޮޕޯސަލް (އާރްއެފްޕީ)ގައިވާ ގޮތުން ތިން ބޯޓު ގަތުމަށް ޖުމުލަ 46.5 މިލިއަން އެމެރިކާ ޑޮލަރު -- 863.5 މިލިއަން ދިވެހި ރުފިޔާ ހަރަދު ކުރާނެ އެވެ.

ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކަށް ތިން ގޮތެއް ހުށަހަޅާފައިވެ އެވެ. އެއީ ލޯނެއް ހަމަޖައްސައިދިނުމާއި ނުވަތަ ކުރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދިނުން ނުވަތަ ސޭލް އެންޑް ލީސްބެކް ފެސިލިޓީއެއް ހުށަހެޅުމެވެ.

ފައިނޭންސް ހަމަޖައްސައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން އެންގުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާ ހަމައަށެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން މިހާރު ބޭނުން ކުރާ ބޮންބާޑިއާ ކުންފުނީގެ "ޑޭޝް" މަރުކާގެ ބޯޓުތަކުގެ ބަދަލުގައި މިފަހަރު ގަންނަ ބޯޓު ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް 73 މީހުންގެ ޖާގައިގެ ބޯޓު ތަކެކެވެ. ތިން ބޯޓުގެ ތެރެއިން އޭޓީއާރް 600-72ގެ ދެ ބޯޓު މިއަހަރުގެ އޮކްޓޯބަރު މަހު އަދި އޭޓީއާރް 400-72ގެ ބޯޓު އަންނަ ނޮވެމްބަރު މަހު ރާއްޖެ ގެނައުމަށްވެސް ގައުމީ އެއާލައިނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގައުމީ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެފައިވާ ގޮތުގައި އާ ބޯޓުތަކެއް ގެންނަނީ ގައުމީ އެއާލައިންގެ ފްލީޓް ބޮޑު ކުރަން އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ.

"އޭޓީއާރް އާއިލާ އަށް އިތުރު މެންބަރެއް އިތުރުވެގެން ދިއުމަކީ ވަރަށް އުފާވެރި ކަމެއް. މި އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމަކީ، ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައި ވެސް އެއާލައިން ތަކުން ކުރި މަގަށް މަސައްކަތް ކުރަމުން ދާ ކަމުގެ އަދި އޭވިއޭޝަން ދާއިރާގެ މުސްތަގުބަލެއް އޮތްކަން ދައްކުވާދޭ ވަރުގަދަ ހެއްކެއް،" މިހާދު ވިދާޅުވި އެވެ.

"އޭޓީއާރުގެ ބޯޓު ތަކަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެންމެ އެކަށޭނެ ބޯޓުތަކެއްކަން ވޭތުވެދިޔަ ސާޅީހަކަށް އަހަރުތެރޭ ސާބިތުކޮށްދީފައި. މި އެއްބަސްވުމާއެކު ދިވެހިރާއްޖޭގެ ގައުމީ އެއާރލައިންގެ ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް،"

ގައުމީ އެއާލައިން އިން އަލަށް ގެންނަ އޭޓީއާރް މަރުކާގެ ބޯޓު ތަކަކީ ތިމާވެއްޓާއި ރައްޓެހި އިންޖީނުތަކެއް ކަމުގައިވާ ޕީއާބްލިއު 12 އެކްސްޓީ އަޅާފައި ހުންނަ ބޯޓު ތަކެކެވެ. މި އާއެކު މި ބޯޓުތަކަކީ މިވަގުތު މާކެޓުގައި ހުރި އޭޓީއާރްގެ ބޯޓުތަކާއި ބަލާއިރު ތިން ޕަސެންޓް ތެލުގެ ހަރަދު ކުޑަ އަދި 20 ޕަސެންޓް އިންޖީނު މަރާމާތުގެ ހަރަދު ކުޑަ ބޯޓު ތަކެކެވެ. މީގެ އިތުރުން ތެޔޮ އަންދާ މިންވަރު 40 ޕަސެންޓު ކުޑަ ބޯޓު ތަކެކެވެ.

ގައުމީ އެއާލައިން އިން މިހާރު ޑޭޝް-8 މަރުކާގެ 10 ބޯޓާއި އެއާބަސް އޭ320 ދެ މަރުކާގެ ދެ ބޯޓު ގެންގުޅެ އެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ ހަތަރު ބޯޓެއް ގްރައުންޑް ކޮށްފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެންވެ އަމިއްލަ ކުންފުނިތަކުގެ ބޯޓުތައް ކުއްޔަށް ނަގައިގެން ދަނީ ހިދުމަތް ދެމުންނެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދޭ ވިލާ އާއި މަންޓާ އެއާ އިންވެސް ބޭނުން ކުރަނީ އޭޓީއާރް ކުންފުނީގެ ބޯޓު ތަކެވެ.