އެމްޑީޕީ

އެމްޑީޕީން މޯލްޑިވިއަންއަށް 5.6 މިލިއަން ރުފިޔާ ދަރާފައި

އިދިކޮޅު އެމްޑީޕީން ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް ނުދައްކާ އޮތް 5.6 މިލިއަން ރުފިޔާ ނުދައްކައިފިނަމަ ކޯޓަށް ދާނެ ކަމަށް އެ ކުންފުނިން އަންގައިފި އެވެ.

މޯލްޑިވިއަން އިން އެމްޑީޕީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޓިކެޓާއި ޗާޓާ ފްލައިޓްތަކަށް އެމްޑީޕީން ދައްކަންޖެހޭ އަދަދު 5،629،861 ރުފިޔާއަށް އަރާ ކަމަށެވެ.

އެމްޑީޕީއަށް ޓިކެޓް ވިއްކީ އަދި ފްލައިޓަރު ޗާޓަރު ކޮށްދިނީ ހިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކަންޖެހޭ ގޮތަށް ކަމަށްވީ ނަމަވެސް މިދިޔަ ބުދަ ދުވަހާ ހަމައަށްވެސް އެ ފައިސާ ނުދައްކާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

މޯލްޑިވިއަން އިން އަންގާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ފައިސާ ދެއްކުމަށެވެ. އެހެންނޫނީ ކޯޓަށް ދާނެ ކަމުގެ އިންޒާރުވެސް ދީފައިވެ އެވެ.

އެމްޑީޕީން ފައިސާ ނުދައްކާ ހުރި ކަަމަށް ބުނާ ބިލްތަކަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެ ޕާޓީން ކުރި ދަތުރުތަކުގެ ބިލްތަކެވެ.