ކުރިއަށް އޮތް އަޟްހާ އީދު ބަންދާ ދިމާކޮށް މޯލްޑިވިއަން އިން ރާއްޖޭގެ އެކި ސަރަހައްދަށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް އިތުރުކޮށްފި އެވެ.
މޯލްޑިވިއަން ނިންމާފައިވަނީ އީދު ބަންދުގެ ދުވަސްތައް ފެށޭ ދުވަސް ކަމަށްވާ ކުރިއަށް ޖޫން 13 ވަނަ ދުވަހުން ފެށިގެން އީދު ބަންދުން ނިމެންދެން ދަތުރުތައް އިތުރުކުރުމަށެވެ.
މޯލްޑިވިއަން އިން މިހާރު ދުވާލަކު ކުރަނީ 35 ދަތުރެވެ. އެކަމަކު އީދު ބަންދަށް ދަތުރުތައް އިތުރުކުރުމުން ދުވާލަކު 50 ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ މޯލްޑިވިއަންގެ އެއާކްރާފްޓްތައް ރާއްޖޭގެ 16 އެއާޕޯޓަކަށް ދަތުރުކުރެ އެވެ.
މޯލްޑިވިއަންގެ ދަތުރުތައް އަބަދުވެސް ބޮޑެތި ޗުއްޓީތަކާ ދިމާކޮށް އިތުރުކުރާއިރު މިއަހަރުގެ އީދު ބަންދު ފެށެންވާއިރަށް އެ ކުންފުނިން ވަނީ އިތުރު ބޯޓެއްވެސް ފްލީޓަށް އިތުރުކޮށްފަ އެވެ.
މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު 15 މަތިންދާ ބޯޓާއި ސީޕްލޭންވެސް ހިމެނެ އެވެ. އެ އެއާލައިނުން ގެންދަނީ އިތުރު ބޯޓުތައް ވެސް ރާއްޖެ ގެނެސް ވައިގެ ދަތުރުފަތުރުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތްވެސް ކުރަމުންނެވެ.