އެމްއެމްއޭ

އެމްޑީޕީ ސަރުކާރުން އިތުރަށް ޗާޕްކުރި ފައިސާ އަނބުރާ ހާޒާނާއަށް ވައްދަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިތުރަށް ޗާޕް ކުރި ފައިސާ އެމްއެމްއޭ އަށް އަނބުރާ ވެއްދުމަށްޓަކައި އަންނަ މަހު ހާއްސަ އޮޕަރޭޝަނެއް ފެށުމަށް ނިންމައިފި އެވެ.

އެމްއެމްއޭގެ ފަރާތުން މިކަން ހާމަކުރެއްވީ ގަވަރުނަރު އަހްމަދު މުނައްވަރު މިއަދު ނޫސްވެރިންނާ އެކު ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ގަވަރުނަރު ވިދާޅުވީ އޯޕަން މާކެޓް އޮޕަރޭޝަން ފެށުމަށް އެމްއެމްއޭގެ ބޯޑުން ވެސް ފާސްކޮށްފައިވާ ކަމަށެވެ.

މުނައްވަރު ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން ފަސް ހަ ބިލިއަން ރުފިޔާ މަޑުމަޑުން އަނބުރާ އެމްއެމްއޭއަށް ވައްދަން ފެށުމުން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެކަމަކު މި އޮޕަރޭޝަންގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދުގައި ދައުރުވާން ނުޖެހޭ ދިވެހި ފައިސާގެ ނޫޓުތަކެއް ދައުރުވާތީ އެ ފައިސާ އަނބުރާ އެމްއެމްއޭއަށް ވެއްދުމަށް ކުރާ މަސައްކަތަކަށްވުމުން މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދަށް ފަހުން ނަމަވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ހީނަރުކަން ކުރިމަތިވެ ދައުލަތް ހިންގުމަށްޓަކައި އޭރު ވަގުތުން ވަގުތަށް ފައިސާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އެކި ފަހަރު މަތިން 8.2 ބިލިއަން ރުފިޔާ ޗާޕްކޮށްފައި އިގްތިސާދަށް ދޫކޮށްލި އެވެ.

އެމްޑީޕީ ސަރުކާރުން އޭރު ފައިސާ ޗާޕް ކުރުމުން އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އޭރު އިދިކޮޅުގައި ތިބި އެކަމަކު މިއަދު ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީ އިން ބުންޏެވެ. ނަމަވެސް އޭރު ފައިސާ ޗާޕް ކުރަންޖެހުނީ ސަރުކާރަށް ފައިސާ ލިބޭނެ މާގިނަ ގޮތްތަކެއް ނެތުމުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށް އެމްޑީޕީގެ ސަރުކާރުން އޭރު ބުނެފައިވެ އެވެ.