ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ޖެނިފާ އެ މަގާމުން ވަކިކޮށްފި އެވެ.
އައިލޭންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރީ ޑިސެމްބަރު 27، 2018 ގައެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު މިރޭ އަވަސްއަށް ވިދާޅުވީ ޖެނިފާ މިއަދު މަގާމުން ވަކިކުރީ ކުންފުނީގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
ޖެނިފާ މިއަދު މަގާމުން ވަކިކުރީ އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރާތާ 25 އަހަރު ފަހުންނެވެ. ނަމަވެސް ޖެނިފާ، މޯލްޑިވިއަންގެ ކާގޯގެ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑުގެ މަގާމުގައި ހުންނަވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަޒީފާ އިން ވަކިކުރި އެވެ. އެކަމަކު ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިގެން ޖެނިފާ އެ މައްސަލަ ކާމިޔާބު ކުރެއްވި އެވެ.