ރުވަންޑާގައި ކުރިއަށް ގެންދިޔަ އާއްމު އިންތިހާބުގައި މިހާރު ރައީސް ކަމުގައި ހުންނެވި ޕޯލް ކަގާމޭގެ ވެރިކަމުގެ މުއްދަތު އިތުރުކޮށް ގާނޫނަށް ބަދަލު ގެންނަށް އާއްމުން ވޯޓު ދީފި އެވެ.
ރުވަންޑާގެ ގައުމީ އިލެކްޓޯރަލް ކޮމިޝަނުން ބުނީ ވޯޓު ލީ އާބާދީގެ 98 ޕަސެންޓް މީހުން ވޯޓު ލާފައިވަނީ 2017 ވަނަ އަހަރު ކަގާމޭގެ ވެރިކަމުގެ ދެވަނަ ދައުރު ނިމުމުން އެ މުއްދަތު އިތުރު ކުރަން ގާނޫނަށް ބަދަލު ގެންނަން ފެންނަ ކަމަށް ކަމަށެވެ.
ގާނޫނަށް ގެންނަ މި އިސްލާހު ފާސްވެއްޖެނަމަ 2034 ވަނަ އަހަރު އަންނަންދެން ކަގާމޭ އަށް ވެރިކަމުގައު ހުރެވޭނެއެވެ. ނަމަވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން މި އިސްލާހަށް ތާއީދު ނުކުރާކަން ވަނީ ހާމަކޮށްފަ އެވެ.
ރުވަންޑާގެ ގައުމީ އިލެކްޓޯރަލް ކޮމިޝަނުން ބުނީ ވޯޓު ލުމުގެ ކަންތައްތައް ހަމަޖައްސާފައިވާ 30 ސަރަހައްދުގެ ތެރެއިން 21 ސަރަހައްދެއްގެ ވޯޓު ފޮށިތައް މިހާރު ގުނާ ނިމިފައިވާ ކަމަށާއި މިއީ 70 ޕަސެންޓް މީހުންގެ ވޯޓް ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ފައިނަލް ނަތީޖާ އާއްމު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.
މި ނަތީޖާ އާއި ގުޅިގެން ކަގާމޭ ދަނީ ރައްޔިތުން އޭނާ އަނެއްކާވެސް އިންތިހާބު ކުރަން ބޭނުންވާ ސަބަބު ތަކަކީ ކޮބައިތޯ ރައްޔިތުންގެ ކައިރީ ސުވާލުކުރަމުންނެވެ.
މިކަމާއި ގުޅިގެން އެމެރިކާއިން ބުނީ 2017 ވަނަ އަހަރު ހޮވާ އާ ވެރިިކަމުގައި އާ ރައީސް އަކަށް އެގަމުގައި ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެފައެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީ ކަމުގައިވާ ގްރީން ޕާޓީއަށް ވަނީ މިކަމާއި ދެކޮޅަށް އާއްމުންގެ މެދުގައި ކެމްޕޭން ކުރުން މަނާކޮށްފައެވެ.
ރުވަންޑާގެ ވެރިކަމާއި 2000 ވަނަ އަހަރު ކަގާމޭ ހަވާލުވި ނަމަވެސް 1994 ވަަނ އަހަރުން ފެށިގެން ހުރިހާ ބާރެއް އޮތީ އޭނާގެ އަތުގައެވެ.
ރުވަންޑާގެ އިތުރުން އެފްރިކާގެ އެހެން ގައުމުތަކުގައިވެސް ރައީސްއަށް ވެރިކަން ކުރެވޭނެ މުއްދަތު އިތުރު ކުރުމާއި ގުޅޭގޮތުން ބަހުސްތައް ދަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި ބުރުންޑީ އަދި ކޮންގޯ ރިޕަބްލިކް ހިމެނެއެވެ.