ދުނިޔެ

40 އަހަރަށް ފަހު އިރާގުގެ ރީތީގެ ރާނީންގެ މުބާރާތެއް

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އިރާގުގައި 40 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިރާގުގައި ރީތީގެ ރާނީއެއް ހޮވުމުގެ މުބާރާތް ނުވަތަ، މިސްއިރާގު އެ ގައުމުގައި ފަށައިގެން ކުރިއަށް އެބަދެ އެވެ. ހައްދު ފަހަނައަޅާފައިވާ އައިއެސް ޖަމާއަތާއި އެހެން ވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ބާރު ގަދަ ވެފައިވާ އިރާގުގައި އެ މުބާރާތް ކުރިއަށް ގެންދަން ޖެހިފައި މި އޮތީ ވަރަށް ވެސް އުނދަގޫ އަދި އިންޒާރުތަކުން ފުރިފައިވާ ބިރުވެރި މާހައުލެއްގަ އެވެ. 

މިއަހަރުގެ މެދު ތެރޭގައި ފެށި އެ މުބާރާތުގަިއ އިރާގުގެ 150 އަންހެނުން ބައިވެރިވި ނަމަވެސް، ބިރުވެރިކަން ބޮޑުވެ އޭގެ ތެރެއިން 15 މީހަކު އަމިއްލައަށް މުބާރާތް ދޫކޮށް ދާން ވެސް ޖެހުނެވެ.

އިރާގުގެ ތެރެއިން ކުރިމަތިވަމުން އައި ފިއްތުންތަކާ ހުރެ އެތައް ފަަހަރެއްގެ މަތިން ފަސްކުރި އެ މުބާރާތުގެ، ރީތީގެ ރާނީއެއް ހޮވުމަށް ބާއްވާ އެންމެ ފަހުގެ ދައްކާލުންތައް މިއަދު އެ ގައުމުގައި އޮންނާނެ އެވެ. އެ ސޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިރާގުގެ ގަދީމީ ސަހަރު، ބާބިލްގަ އެވެ. 

ގިނަ ބައެއްގެ ފާޑު ކިޔުންތައް މި މުބާރާތައް އޮތަސް، ބާބިލްގެ އެކި ގަދީމީ ސަރަހައްދުތަކުގައި މުބާރާތުގެ ބައިވެރިން ހުއްޓި ތިބެ ނަގާފައިވާ ފޮޓޯތަކާ އެކު އެކި ފަރާތްތަކުގެ ތައުރީފާއި ހިތްވަރު އެކަމަށް އަންނަނީ އޮހެމުންނެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދެއް ކަމަށް އިރާގުން ބުނެފައި ވަނީ އެ ގައުމުގެ ޓޫރިޒަމަށް ތާޒާ ކަމެއް ގެނެސްދިނުމެވެ. އިރާގުގެ ޓޫރިޒަމް ބޯޑުން ބުނަނީ މިކަމުގެ ސަބަބުން އެ ގައުމުގެ ޓޫރިޒަމަށް އާރޯކަމެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.