ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވައްޓާލަނީ ރާއްޖޭގެ ޖުޑީޝަރީގެ ބޭއިންސާފު ކަމާއި ތަފާތު ކުރުންތަކުގެ ސަބަބުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ފަށާނީ ކޮވިޑްގެ ހާލަތު ރަގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނިކޮށް ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކުރުމާއި ގުޅިގެންނެވެ.
މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގެންގުޅޭ ތަފާތު ކުރުންތައް ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވައްޓާލަނީ ރާއްޖޭގެ ޖުޑީޝަރީގެ ބޭއިންސާފު ކަމާއި ތަފާތު ކުރުންތަކުގެ ސަބަބުން ކަމަށެވެ. އަދި ދުނިޔޭގެ އެދުމާއި ފައިސާގެ ދަހިވެތި ކަމުގައި ޖެހިފައިވާ ފަނޑިޔާރުގެއެއްގެ ނަމަ އެއީ ގައުމެއްގެ ހަލާކު ކަމަށް ވިދާޅުވިއެވެ.
މި ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވައްޓާލަނީ ރާއްޖޭގެ ޖުޑީޝަރީގެ ބޭއިންސާފު ކަމާއި ތަފާތު ކުރުން. ދުނިޔޭގެ އެދުމާއި ފައިސާގެ ދަހިވެތިކަމުގައި ޖެހިފަައިވާ ފަނޑިޔާރުގެއެއް ނަމަ އެއީ ގައުމެއްގެ ހަލާކުޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު
މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް އެންމެ ފުރަތަމަ ތާވަލު ކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެކަމަކު އިދާރީ މައްސަލައެއް ޖެހުމުން އެދުވަހުގެ އަޑުއެހުން ކެންސަލް ކޮށްލީ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެން ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ގެ ހާލަތު ރަގަޅުވުމުން މައްސަލަ ޝެޑިއުލް ކުރާނެ ކަމަށެވެ.
ކޯޓުން މިހެން ބުނި ނަމަވެސް މިހާރު ވެސް ގިނަ މައްސަލަތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.