ފަރެސް މާތޮޑާ

ޖުލައި 26ގެ ކުރިން ފަރެސްމާތޮޑާ އެއާޕޯޓް ނިންމަނީ

Jan 28, 2022

ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް މިއަހަރުގެ މިނިވަން ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ފަރެސްމާތޮޑާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު އެމްޓީސީސީން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމާލުމަށެވެ.

އެމްޓީސީސީން ބުނީ ނޮވެމްބަރަށް މަސައްކަތް ނުނިންމީ ރާއްޖެއިން ބޭރުން ގެންނަން ބޭނުންވި ބައެއް ސާމާނު ލިބުން ލަސްވުމާ ގުޅިގެން ކަމަށެވެ. އެހެންކަމުން މިހާރުގެ އަމާޒަކީ މިއަހަރުގެ ޖުލައި 26ގެ ކުރިން ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ނިންމާލުން ކަމަށާއި އެހާތަނަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ޔަގީންކަން ބޮޑު ކަމަށްވެސް އެމްޓީސީސީން ބުނެފައިވެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. ބިން ހިއްކާ ނިންމާލާފައި ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ. މަސައްކަތް ނިންމަން އެމްޓީސީސީ އަށް ދީފައިވަނީ 600 ދުވަހެވެ. އެއީ 144 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތުގެ ދަށުން 1200 މީޓަރުގެ ރަންވޭ އެއް އަޅައި ޓާމިނަލް އިމާރާތް ހެދުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސީސީން މިހާރު ވަނީ އެއާޕޯޓްގެ އޭބީސީ މަސައްކަތް އެއްކޮށް ނިންމާފަ އެވެ. ރަންވޭގެ މަސައްކަތް އޭޕްރީލް މަހު ނިންމާލުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޓާމިނަލްގެ މަސައްކަތާއި ފަޔާ ބިލްޑިންގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.