ތިލަމާލެ ބްރިޖް

ބްރިޖުގެ ސާވޭ ކުރިއަށްދާ ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފި

Jan 29, 2022
1

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ އެންމެ މުހިއްމު ސާވޭގެ ތެރޭގައި ހިމެނޭ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ކުރިއަށް ދާތީ ސާވޭ ހިނގަމުންދާ ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިލި އިރު ދެކުނު ކަންމައްޗާއި، ވިލިނގިލި ދެކުނު ފަރާތުގެ މޫދާއި، ވިލިނގިލި ހުޅަނގު ދެކުނު ކަންމަތިން ފެށިގެން ގުޅީފަޅު އިރުދެކުނު ކަންމައްޗާއި، އަދި ގުޅީފަޅު ހުޅަނގު ދެކުނު ފަރާތުން ފެށިގެން ތިލަފުށީ އިރު ދެކުނު ކަންމައްޗަށް އެއްވެސް ބޭނުމަކަށް މޫދަށް އެރުމަކީ މިވަގުތު ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

"އެ ސަރަހައްދަށް [މޫދަށް] އެރި އުޅުމުގެ ތެރޭގައި ލިބިދާނެ ބޮޑު ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި މި މިނިސްޓްރީން ވަކި ގޮތަކަށް އަންގަންދެން އެ ސަރަހައްދުގެ މޫދަށް އެރި އުޅުމަކީ މަނާ ކަމެއް ކަމުގައި އާންމުކޮށް އަންގައި އިއުލާން ކުރަމެވެ." މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

ތިލަމާލެ ބްރިޖުގެ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ކުރިއަށް ދާތީ އެ މަަސައްކަތް ކުރިއަށްދާ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެ ސަރަހައްދުގައިވާ ޕްލެޓް ފޯމުތަކަށް ކައިރި ނުކުރުމަށާއި އެ ޕްލެޓް ފޯމްތަކަށް ސަމާލުކަންދީގެން އަދި އުނދަގޫ ނުވާނެ ގޮތަކަށް ދަތުރުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މީގެކުރިން އިލްތިމާސް ކޮށްފައިވެ އެވެ.

ސާވޭގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އިންޑިއާ އިން ގެނައުމަށްފަހު މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ބައެއް ބަންދުކޮށްގެން ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ޖިއޯޓެކްނިކަލް ސާވޭގައި އެންމެ ބޮޑަށް ބަލާނީ ބްރިޖު އެޅުމަށް ބޭނުންވާ ބިމުގައި އެކަން ކުރަން ބޭނުންވާ ބާރު ހުރި މިންވަރެކެވެ.

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު -- ތިލަމާލެ ބްރިޖު އެޅުމަށްޓަކައި މިދިޔަ އަހަރުގެ އޮކްޓޫބަރު 28ގައި ވެސް ސާވޭއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖު ހެދުމުގެ މަސައްކަތާއި ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ހަދާނީ އެފްކޯންސް ކުންފުނިންނެވެ.

މިސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރުގެ މާޗް މަހު ފަށާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ވެރިކަމުގެ މިދައުުރުގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާނުލެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.