ކްރިމިނަލް ކޯޓް

ޖެނެރަލް ޝިޔާމަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި

Jan 31, 2022

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން މިއަދު ބާއްވަން އޮތް ޝަރީއަތުގެ މަޖިލިސް ކެންސަލް ކޮށްފި އެވެ.

ޝިޔާމުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ މިއަދުގެ މަޖިލިސް ފެށުމަށް ތާވަލްކޮށްފައި އޮތީ ހެނދުނު 9:00 ޖެހިއިރު އެވެ.

އަޑުއެހުން ކެންސަލް ކުރީ ދައުލަތުން ކޯޓަށް ފޮނުވި ސިޓީ އަކާ ގުޅިގެންނެވެ. އެ ސިޓީ ފޮނުވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކާ އަޑުއެހުމަށް ދެފަރާތަށް ދޭންޖެހޭ ފަސް ދުވަހުގެ ނޯޓިސް ނުދީ މައްސަލަ ތާވަލު ކުރުމުންނެވެ.

ޖެނަރަލް ޝިޔާމުގެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އެެވެ.

ދައުލަތުން ޝިޔާމްގެ މައްޗަށްް ދައުވާ އުފުލީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)ގައި، ޝިޔާމްގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި ޝާކިރުބެ ދިރިއުޅުއްވެވި މައްސަލާގަ އެެވެ.

އޭސީސީން ބުނި ގޮތުގައި އެމްއާރްސީސީގެ ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭއިރު ޖުލައި 18، 2017 އިން ޑިސެންބަރު 11، 2018ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ އެތަނުގައި ދިރިއުޅުއްވާފައިވެ އެވެ. އެހެންވެ އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެން ނުޖެހޭ ފަރާތަކަށް ލިއްބައިދޭ އަމަލެއް ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެ އެވެ.

އެ މައްސަލަ އޭސީސީން ބެލުމަށްފަހު އެންމެ ފުރަތަމަ ނިންމީ ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށެވެ. ނަމަވެސް އަލުން އެ މައްސަލަ އޭސީސީން ބަލައި ޝިޔާމަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ ޑިސެމްބަރު 23، 2020 ގައެވެ. ޕީޖީ އޮފީހުން ޝިޔާމަށް ދައުވާކުރީ ޑިސެމްބަރު 28، 2020 ގައެވެ.