ބުރުންޑީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ބޭރުގެ ސުލްހަ ބަލަހައްޓާ ފައުޖަކަށް ބޭނުން ނުވާ ކަމަށް އެގައުމުގެ ރައީސް ޕިއާ އެންކުރުންޒިޒާގެ ތަރުޖަމާނު ޣެބޭ އަބަޔޯ ވިދާޅުވެއްޖެ އެވެ.
ބޭރުގެ ފައުޖަކަށް އެގައުމުން ޖާގަ ނުދޭނެ ކަމަށް ބުނެ އެގައުމުން ވަނީ އެފްރިކަން ޔޫނިއަންގެ 5،000 ސިފައިންގެ މައްޗަށް އެކުލެވޭ ސުލްހަ ބަލަހައްޓާ ފައުޖެއް އެރުމަށް ދެކޮޅު ހަދާފަ އެވެ.
މިދިޔަ ހުކުރު ދުވަހު އެފްރިކަން ޔޫނިއަންގެ ޕީސް އެންޑް ސެކިއުރިޓީ ކައުންސިލުން ބުރުންޑީގައި ސުލްހަ ބަލަހައްޓާ ފައުޖެއް ހަ މަސް ވަންދެން ބޭތިއްބުމަށް އެއްބަސްވި ނަމަވެސް ބުރުންޑީން ވަނީ ބޭރުގެ ސިފައިން އެގައުމުގެ ސަރަހައްދީ ރޮނގުން އެތެރެވުން ހުއްޓުވާނެ ކަމަށް ބުނެފަ އެވެ.
ސުލްހަ ބަލަހައްޓާ މި ފައުޖަކީ މިދިޔަ ޖުލައި މަހު ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ޕިއާ އެންކުރުންޒިޒާ ހޮވި ވަޑައިގަތުމުން އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދީ ރައްޔިތުން ހިމާޔަތް ކުރުމެވެ.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ބުރާސްފަތި ދުވަހު ވަނީ ބުރުންޑީގައި ހިނގަމުންދާ ހަމަނުޖެހުން އިތުރަށް ބޮޑުވިޔަ ނުދީ އިންސާނީ ހައްގުތަކާ ހިލާފް އަމަލުތައް ތަހުގީގުކުރަން ތަޖުރިބާކާރުންގެ ވަފުދެއް މިހާރުން މިހާރަށް ފޮނުވަން ގަރާރެއް ފާސްކޮށްފަ އެވެ.
މިހަމަނުޖެހުންތަކުގައި މިހާތަނަށް 400 މީހުން މަރާލާފައިވާއިރު މިދިޔަ ހަފްތާގައި އެކަނިވެސް 87 މީހުން މަރާލާފައިވެ އެވެ. އަދި 3،500 މީހުން ވަނީ މިހާތަނަށް ހައްޔަރުކޮށްފަ އެވެ.
އަދި މިހަމަނުޖެހުންތަކުގެ ސަބަބުން 220،000 މީހުން ވަނީ އެކި ގައުމުތަކަށް ހިޖުރަކޮށްފަ އެވެ.