އިންޑިއާގެ ބިހާރުގެ ޕަޓްނާގައި ދިރިއުޅޭ މި ޔަތީމު އަންހެންކުއްޖާގެ ހަޔާތުގެ ދަތުރަކީ އިންޑިޔާގައި ދިރިއުޅޭ އޭނާ ކަހަލަ އެތައް މިލިއަން އަންހެން ކުދިންނަށް އިބުރަތުން ފުރިގެންވާ މިސާލެކެވެ.
މި އަންހެންކުއްޖާގެ ލޯ ދުނިޔެއަށް ހުޅުވުނުއިރު ވެސް އޭނާ އުޅެނީ މަގުމަތީގައި ސަލާން ޖަހާށެވެ. ޕަޓްނާ ރެއިލްވޭ ސްޓޭޝަނަކަށް ކުޑަ ކުއްޖާ ދޫކޮށްލީ ކޮން ބައެއް ކަމެއް ވެސް ނޭނގެ އެވެ. ކުއްޖާގެ ކުޑައިރުގެ ދުވަސްތައް އޭނާ ހޭދަކުރީ ސަލާން ޖެހުމުގަ އެވެ. ނަމަވެސް މިއަދު އޭނާއަކީ އަމިއްލަ ރަށުގައި ކެފޭއެއް ހިންގާ ހީވާގި މަސައްކަތްތެރިއެކެވެ.
އުމުރުން 19 އަހަރުގެ ޖޯތީއަށް އަދިވެސް އޭނާގެ މައިންބަފައިންނަކީ ކޮން ބައެއްކަން ވެސް ނޭނގެ އެވެ. އޭނާ ބުނި ގޮތުގައި ވަރަށް ތުއްތުއިރު ރޭލްވޭ ސްޓޭޝަނަށް އެއްލާލާފައި އޮއްވާ އޭނާ ގެންދިޔައީ ސަލާންޖަހަން އެތަނުގައި އުޅުނު ދެމަފިރިއެކެވެ. އޭނާ ގެންގުޅުނީ އެ ދެމަފިރިންނެވެ. އެމީހުންނަކީ ވެސް އިންތިހާއަށް ފަގީރު ބަޔަކަށް ވާތީ ޖޯތީއަށް ކުޑައިރުވެސް އުޅެން ޖެހުނީ ވަރަށް ހާލުގަ އެވެ.
ޖޯތީ ވަރަށް ކުޑައިރު ސަލާންޖަހަން ފަށައިފި އެވެ. އޭނާ އެޑޮޕްޓްކުރި ދެމަފިރިންނަކީ ވެސް ސަލާންޖަހައިގެން ބަނޑުފުރާނަ މުއްތިކުރާ ބަޔަކަށް ވާތީ އެވެ. ސަލާން ޖަހައިގެން މަދުން ފައިސާ ލިބޭ ދުވަސްތަކުގައި ޖޯތީ ދެން ކުރާ ކަމަކީ ގޮނޑުހޮވުމެވެ. އެގޮތުގައި ހަޔާތުގެ ދުވަސްތައް ފާއިތުވަމުންދިޔައިރު ތައުލީމު ހާސިލު ކުރުމުގެ އުންމީދު ޖޯތީގެ ހިތުގައި އަބަދުވެސް އާވެ އާވެ އޮތެވެ. ނަމަވެސް ޖޯތީގެ ކުޑައިރުގެ ދުވަސްތައް ފާއިތުވެ ދިޔައީ އެ އުންމީދު ހާސިލު ނުވެ އެވެ. ނަމަވެސް ކިޔަވަން އޭނާގެ ހިތުގައި އޮތް ލޯތްބަކަށް ބަދަލެއް ނާދެ އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޖޯތީ ބުނީ ތަންކޮޅެއް ބޮޑުވި ފަހުން ވަރަށް ހިތްވަރާއެކު ކިޔަވަން ފެށިތަނާ އޭނާ އެޑޮޕްޓްކުރި މަންމަ ދުނިޔެ ދޫކުރުމުން އިތުރު ހުރަސްތައް ކުރިމަތިވި ކަމަށެވެ. ވަރަށް ހާލުގައި ޖޯތީ އުޅެނިކޮށް އޭނާއަށް އެހީވާން ނިންމީ ޕަޓްނާގެ ޑީސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުންނެވެ. ރާމްބޯ ފައުންޑޭޝަން ކިޔާ ވޮލަންޓިއާ އޮގަނައިޒޭޝަނެއްގެ އެހީތެރި ކަމާއެކު ޖޯތީއަށް ރަނގަޅު ހަޔާތެއް ހޯދައިދެވޭތޯ އެތަނުން މަސައްކަތް ކޮށްދީފައި ވެއެވެ.
ރާމްބޯ ފައުންޑޭޝަންގެ ބިހާރު ހެޑް ވިޝާކާ ކުމާރީ ބުނި ގޮތުގައި ޔަތީމު ނިކަމެތި އަންހެންކުދިންނާއި ފިރިހެންކުދިންނަށް އެހީވާން ފަސް ސެންޓަރެއް އެ ސަރަހައްދުގައި އެކަނިވެސް އެ ފައުންޑޭޝަނުން ގާއިމްކޮށްފައިވާ ކަމަށެވެ. ޖޯތީ ވެސް އެ އޮގަނައިޒޭޝަނުގައި ބައިވެރިކޮށް އޭނާއަށް ވެސް ތައުލީމު ހާސިލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނީ އެ ތަނުން ކަމަށް ވިޝާކާ ބުންޏެވެ.
ކިޔެވުމަށް ލިބުނު ފުރުސަތުގެ ބޭނުން ޖޯތީ ވަރަށް ފުރިހަމައަށް ކުރި އެވެ. އޭނާ ކިޔެވި ހުރިހާ މާއްދާއަކުން އެންމެ މަތިން ފާސްވި އެވެ. އަދި ކެފޭއެއް ހިންގުމުގެ ވަޒީފާ އޭނާއަށް ލިބުނެވެ.
ޖޯތީ ބުނި ގޮތުގައި މިހާރު އޭނާ ދުވާލުގެ ގިނަ ވަގުތު ކެފޭ ހިންގުމުގައި އުޅުމަށްފަހު ބާކީ ވަގުތު ކިޔެވުމުގައި ހޭދަކުރެ އެވެ. މިއަދު ޖޯތީ އުޅެނީ އޭނާގެ އަމިއްލަ އާމްދަނީން ކުޑަ ގެއެއް ކުއްޔަށް ހިފައިގެން އެތަނުގަ އެވެ. ޖޯތީގެ ހުވަފެނަކީ ކިޔަވައިގެން މޮޅު މީހަކަށް ވެގެން މާކެޓިންގެ ރޮނގުން ކެރިއަރެއް ބިނާ ކުރުމެވެ.