ލައިފްސްޓައިލް

ޓެކްސް ނުދައްކަން ރައްކާކުރި މުދަލާއި ފައިސާ ހޯދައިފި

އިންޑިޔާގެ ޖީއެސްޓީ އާ ގުޅޭ އޮފިޝަލުން މިދިޔަ ހަފުތާގައި އެ ގައުމުގެ މަހުޖަނެއް ކަމަށްވާ ޕިޔޫޝް ޖެއިން ދިރިއުޅޭ ގެއިން 600 ކްރޯޑުގެ އަގުހުރި ރަނާއި ނަގުދު ފައިސާ ހޯދައިފި އެވެ. މިއީ ޓެކްހުން ސަލާމަތް ވުމަށް އޭނާގެ ގޭގެ ބިންގަރާހެއްގައި ރައްކާކޮށްފައި ހުރި ފައިސާ ކަމަށް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

މި ފައިސާތަކުގެ ތެރެއިން 19 ކްރޯޑު ރުޕީސް ހުރީ ބިންގަރާހުގައި ތައްޔާރު ކޮށްފައިވާ ސިއްރު ފޮށިތަކެއްގަ އެވެ.

ޓެކްސް އަށްވާ ގިނަ އަދަދެއްގެ ފައިސާ މި މަހުޖަނު ނުދައްކާ ކަމަށް ޝައްކުވެގެން ޖީއެސްޓީ އޮފިޝަލުން އެމީހާގެ ގެތަކަށް ވަދެ ފާސްކުރާތާ ފަސް ވަރަކަށް ދުވަސްވީއިރު އެކި ގޭގެއިން އެކި މިންވަރަށް ފައިސާ ފެނިފައި ވެއެވެ. މި ހުރިހާ ފައިސާއެއް ވެސް ހުރީ ސިއްރު ޗެމްބާސްގައި ވަރަށް ރަނގަޅަށް ރައްކާ ކޮށްފަ އެވެ.

މި ގެތައް ފާސް ކުރުމުގެ މަސައްކަތް ބުދަ ދުވަހު ނިންމާލީ ވިޔަފާރިވެރިޔާ ހައްޔަރު ކުރުމަށް ފަހުގަ އެވެ. އޭނާ ރައްކާ ކޮށްފައިވާ މުދަލާއި ފައިސާގެ ތެރެއިން ފަސް ދުވަހުގެ ތެރޭގައި ހޯދިފައިވާ ތަކެތީގެ ތެރޭގައި 196 ކްރޯޑު އިންޑިޔާ ރުޕީސްގެ ނަގުދު ފައިސާ އާއި 23 ކިލޯ ރަނާއި 600 ކިލޯ ސަންޑަލްވުޑް (ކެލާ) ހިމެނެ އެވެ. މި ކެލާގެ އަގު ވެސް ހަ ކްރޯޑު ރުޕީސް އާ އެއްވަރެވެ.