އިންޑިޔާގެ އެންމެ ބޮޑު މަހުޖަނަކީ މުކޭޝް އަމްބާނީ ކަމަށް ގިނަ ބަޔަކު ހީކުރެ އެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މުކޭޝްގެ އަތުން މިހާރު ވަނީ އެންމެ ބޮޑު މަހުޖަނުގެ މަގާމު ގެއްލިފަ އެވެ. އަދި އިންޑިޔާގެ އިތުރުން މުޅި އޭޝިއާގެ އެންމެ މުއްސަނދި މަހުޖަނަކީ މިހާރު ގޯތަމް އަދާނީ ކަމަށް އެންމެ ފަހުން ނެރެފައިވާ ރިޕޯޓުތަކުން ބުނެ އެވެ.
އުމުރުން 58 އަހަރުގެ ގޯތަމް އަކީ ވަރަށް ކުޅަދާނަ ވިޔަފާރިވެރިއެކެވެ. މުއްސަނދިކަމާ އެއްވަރަށް ގޯތަމްގެ ހަޔާތުގައި ބިރުވެރި ކަންތައްތައް ވެސް ތަޖުރިބާކުރަން ޖެހިފައި ވެއެވެ. މީގެ ތެރެއިން ދެ ފަހަރަކު އޭނާ މަރުން ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އެގޮތުން މީގެ އަހަރުތަކެއް ކުރިން ބަޔަކު އޭނާ ކިޑްނެޕްކޮށްފައި ވެއެވެ. އަދި 2008 ގައި މުމްބާއިއަށް ދިން ޓެރަރިސްޓް ހަމަލައިގައި ވެސް ގޯތަމްގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.
ބްލޫމްބާގް ބިލިނަޔާ އިންޑެކްސްގައިވާ މައުލޫމާތު ބުނާ ގޮތުން އަދާނީ ގްރޫޕްގެ ބާނީ އަދި ޗެއާމަން ގޯތަމް އަދާނީއަކީ އިންޑިޔާގެ އެންމެ ބޮޑު ބިލިއަނަރެވެ. އޭނާގެ މިލްކިއްޔާތުގައި 32.5 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
ޓީންއޭޖް އުމުރުގައި 1978 ގައި އަދާނީ މުމްބައީއަށް ދިރިއުޅުން ބަދަލުކުރީ ޑައިމަންޑް ވިޔަފާރިކުރާ މަހެންދުރަ ބްރަދާސް އާއެކު މަސައްކަތް ކުރާށެވެ. އެންމެ ތިން އަހަރު ތެރޭގައި އޭނާ އަމިއްލަ ޑައިމަންޑް ބްރޯކަރެޖް ފާމް އެއް މުމްބައިގެ ޒަވޭރީ ބާޒާރުގައި ހުޅުވި އެވެ.
ޑައިމަންޑްގެ ވިޔަފާރީގައި ކުރިޔަށް ދިއުމަށް ކޮލެޖުގައި ވަކި ވަރަކަށް ކިޔަވައި ގޯތަމް ވަނީ ކިޔެވުން ހުއްޓާލާފަ އެވެ. ޑައިމަންޑްގެ ވިޔަފާރިކުރާ މީހެއްގެ ގޮތުގައި ވަރަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު 1981 ގައި އޭނާ އަހުމަދުއާބާދަށް ދިރިއުޅުން ބަދަލުކުރި އެވެ. އަދި ދެބެންގެ ދެދަރި މީހަކަށް ޕޮލި-ވިނިލް ކްލޮރައިޑް (ޕީވީސީ) އުފައްދާ ފާމެއްގެ މަސައްކަތް ފެށުމުގައި އެހީތެރިވެ ދިނެވެ.
އަދާނީ ގްރޫޕް ވުޖޫދަށް އައިސް އެ ކުންފުނީގެ ވިޔަފާރިތައް ކުރިއަރަން ފެށީ 1988 ގައެވެ. އަދި 1990 ގެ އަހަރުތަކުގައި އޭނާގެ ވިޔަފާރިތަކަށް މީހުންގެ ސަމާލުކަން ލިބިގެން ފެށި އެވެ. އޭނާގެ މުއްސަނދިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔަ ވަރަކަށް ގޯތަމް އަށް ހަސަދަވެރިވާ މީހުންނާއި އޭނާގެ ފައިސާއަށް ދަހިވެތިވާ މީހުން އިތުރުވަމުން ދިޔަ އެވެ.
އޭނާ 1997 ގައި ކިޑްނެޕްކުރަން މެދުވެރިވީ އޭނާގެ ފައިސާއަށް ބަޔަކު ދަހިވެތިވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އޭނާ ކިޑްނެޕްކުރި މީހުން އޭނާ ދޫކޮށްލަން އެއްބަސްވީ 1.5 މިލިއަން ޑޮލަރަށެވެ.
ކަރްނާވަތީ ކްލަބުން ޖެނުއަރީ 1، 1998 ގައި ގޯތަމް އާއި ޝާންތީލާލް ޕަޓޭލް ނުކުމެގެން ކާރުގައި ދަނިކޮށް ސައިކަލެއްގައި އައި ބަޔަކު އެމީހުންގެ ކާރުގެ ކުރިމައްޗަށް އަރައި ކާރު މަޑުކުރުވީ އެވެ. އަދި ގޯތަމް އާއި ޝާންތީލާލް ގަދަކަމުން ފަޅު ތަނަކަށް ގެންގޮސް ބަނދެފައި ބޭތިއްބިއެވެ. އެމީހުން ސަލާމަތްވީ ކިޑްނެޕްކުރި މީހުން އެދުނު މިންވަރަށް ފައިސާ ދީގެންނެވެ.
މި ވާހަކަ ދައްކަން ގޯތަމް އަދިވެސް ލަދުގަނެ އެވެ. ލަންޑަންގެ ފައިނެންޝަލް ޓައިމްސް އިން އެއްފަހަރު ގޯތަމް އާ މި ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ބުނީ އެ ކަހަލަ ދެ ތިން ބިރުވެރި ހާދިސާއެއް އޭނާގެ ހަޔާތުގައި ހިނގާފައިވާ ކަމަށެވެ.
ގޯތަމް ވަނީ 2008 ގައި މުމްބާއީއަށް ދިން ޓެރަރިސްޓް ހަމަލައިން ވެސް ކިރިޔަ ކިރޔާ ސަލާމަތް ވެފަ އެވެ. އެ ރޭ، ނޮވެމްބަރު 26، 2008 ދުވަހުގެ ރޭ، ގޯތަމް އިނީ މުމްބައިގެ މަޝްހޫރު ތާޖް ހޮޓެލްގައި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. ޓެރަރިސްޓުން އެ ހޮޓަލަށް ވަދެ ހޮޓާ ހިސޯރުކޮށް އެތައް ބަޔަކު މަރާލިއިރު ގޯތަމްގެ ފުރާނަ ސަލާމަތްވީ ހޮޓަލުގެ ބޭސްމަންޓްގައި ފިލޭނެ ގޮތް މެދުވެރިވީމަ އެވެ.
ގޯތަމް އަދާނީ ބުނި ގޮތުގައި އޭނާ އާއެކު އެރޭ ބޭސްމަންޓްގައި ތިބި 100 ވަރަކަށް މީހުންގެ ފުރާނަ ސަލާމަތްވީ ހަމަ ނަސީބުންނެވެ.