ފިނޭންސް މިނިސްޓްރީ

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ނުލިބޭ!

Feb 1, 2022
3

ހެލްތު މިނިސްޓްރީއާ ގުޅުންހުރި ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް މިދިޔަ ޖެނުއަރީ މަހުގެ މުސާރަ ލިބިފައި ނުވާ ކަން ހާމަވެއްޖެ އެވެ.

މިމައްސަލާގައި ސުވާލުކުރުމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައިޖީއެމްއެޗް، އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް ޖެނުއަރީ މަހުގެ މުސާރަ އަދި ޖަމާކޮށްފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މުސާރަ ޖަމާކުރުން ލަސްވީ އެ އިދާރާތަކުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން ޖެހޭ މުވައްޒަފުންގެ މުސާރަ ޝީޓް ފޮނުވުން ލަސްވުމުން ކަމަށެވެ.

ފިނޭންސުން ބުނީ އެޗްޕީއޭ ފިޔަވާ އެހެން ތަންތަނުގެ މުސާރަ ޝީޓްތައް މިހާރު ލިބިފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ މުވައްޒަފުންނަށް މުސާރަ ޖަމާވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގިފައި އޮތީ އެ އިދާރާތަކުގެ މުވައްޒަފުން ބަލިވެ އުޅުމާއި ބައެއް އެޖެސްޓްމަންޓްތައް ގެންނަން ހުރުމުން ޝީޓްތައް ލަސްވީ ކަމަށް،" ފިނޭންސްގެ އޮފިޝަލް ވިދާޅުވި އެވެ.

މުޝާރަ ޝީޓުތައް ފޮނުވުން ލަސްވި މައްސަލާގައި ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ފުލުހުންގެ މުސާރަ ޖަމާވުމުގައި ވެސް މައްސަަލަތަކެއް ދިމާވި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް ހުރިހާ ފުލުހުންނަށް މުސާރަ ޖަމާކޮށްދީފައިވެ އެެވެ.

ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާކޮށްދޭންޖެހެނީ ކޮންމެ މަހެއްގެ ރަސްމީ އެންމެ ފަހު ދުވަހު އެވެ.