ފިނޭންސް މިނިސްޓްރީ

ސައުދީ ފަންޑުން 150 މިލިއަން ޑޮލަރުގެ ލޯން ދީފި

ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް ((އެސްއެފްޑީ) އިން 150 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދިވެހި ސަރުކާރަށް ދީފި އެވެ.

ލޯން އެއްބަސްވުމުގައި އެސްއެފްޑީގެ ފަރާތުން ސޮއިކުރެއްވީ މިއަދު ރާއްޖެ ވަޑައިގެންނެވި އެ ފަންޑުގެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ.

އެސްއެފްޑީ އިން ދިވެހި ސަރުކާރަށް ދޫކުރި 150 މިލިއަން ޑޮލަރުގެ ލޯންގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ދީފައިވާ ލޯނެވެ. އަނެއް 50 މިލިއަން ޑޮލަރު ލޯނަކީ ރާއްޖޭގެ ތިން ރަށެއްގައި 150 އެނދުގެ ތިން ހޮސްޕިޓަލް އެޅުމަށް ދޫކުރި ލޯނެކެވެ.

އެސްއެފްޑީގެ ލޯން އެއްބަސްވުމުގައި މިއަދު ސޮއި ކުރި ނަމަވެސް މި ލޯން ހަމަޖެހޭނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ފަންޑުން ސަރުކާރަށް އަންގާފައިވެ އެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު މިއަދު ވިދާޅުވީ އެސްއެފްޑީ އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަންޑެއް ކަމަށެވެ. ވަކިން ހާއްސަ ވީއައިއޭގެ ތަރައްގީގެ މަޝްރޫއަށް އަދި ސުނާމީ އިން ރާއްޖެ އަރައިގަތުމަށް ކުރި މަސައްކަތުގައި އެސްއެފްޑީ އިން ދިން އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށުމާ އެކު 2016 ވަނަ އަހަރުވެސް އެސްއެފްޑީފް އިން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އެހެންކަމުން އެ ފަންޑުން މިހާރު މިވަނީ ވީއައިއޭގެ ތަރައްގީގެ މަޝްރޫއަށް އެކަނިވެސް 200 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.

އެސްއެފްޑީ ސީއީއޯ މަރުޝަދު ވިދާޅުވީ ރާއްޖޭގެ ސިއްހީ އަދި އުމްރާނީ ތަރައްގީގައި އެހީތެރިވުމަށް ފުރުސަތު ލިބުމަކީ އުފާވާ ކަމެއް ކަމަށެވެ.

މަރުޝަދު ވިދާޅުވީ 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރުވެސް ވީއައިއޭ ތަރައްގީކުރުމަށް އެސްއެފްޑީ އިން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިފަހަރު ދިން ލޯނާ އެކު އެއާޕޯޓުގައި ހަތް މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ކަަމުގައިވެސް ވިދާޅުވި އެވެ.