ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ މަސައްކަތް އަލުން ފަށަން ސައުދީ ފަންޑާއި މަޝްވަރާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމާއި ބެހޭގޮތުން ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރް މިއަދު ސައުދީ ފަންޑާއެކު މަޝްވަރާކުރައްވައިފި އެވެ.

ސައުދީ ފަންޑުގެ ވަފުދެއް މިއަދު ވީއައިއޭއަށް ޒިޔާރަތް ކުރި އެވެ. އަދި އެ ޒިޔާރަތަށްފަހު މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ސައުދީ ފަންޑުގެ ވައިސް ޗެއާމަން އަދި އެމްޑީ ޑރ. ހާލިދް ބިން ސުލައިމާން އަލްހުދައިރީ އާއި މިނިސްޓަރު އަމީރް އާޕޯޓްގެ މަޝްރޫއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ކުރާނެ އެވެ. މި މަޝްރޫއުތަކުގެ ބޮޑުބައެއް މި އަހަރު ނިންމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.