ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ސައުދި އަރަބިއްޔާ އިން ރާއްޖެއަށް 150 މިލިއަން ޑޮލަރު -- 2.3 ބިލިއަން ރުފިޔާ ދިނުމަށް ނިންމައިފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއާއި ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވަނީ އަވަސްއަށް މިކަން ޔަގީންކޮށްދީފަ އެވެ.
ސައުދީގެ މި ފައިސާ އަކީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސައުދީއަށް ވަޑައިގެން އެ ގައުމުގެ ވިޔަފާރި މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މާލީ އެހީތެރިކަމަށް އެދިވަޑައިގަތުމާ ގުޅިގެން ސައުދީ އިން ހަމަޖައްސައިދީފައިވާ ފައިސާ އެވެ.
ވެލާނާ އެއާޕޯޓުގެ މަސައްކަތަށް 100 މިލިއަން ޑޮލަރު ސައުދީ އިން ދޭން ނިންމިއިރު ވީއައިއޭގެ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީގެ ބިންލާދިން ގުރޫޕަށެވެ.
ސައުދީ އިން ދޭން ނިންމާފައިވާ ބާކީ 50 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހޮސްޕިޓަލްތައް އެޅުމަށް ކަމަށް އެނގިފައިވެ އެވެ.