ކުވޭތު ފަންޑުގެ އެހީގައި ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.
އިއުލާންގައިވާ ގޮތުން ހެލްތް މިނިސްޓްރީން އެދިގެން ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގައި އިމާރާތްކުރާ ހަތް ހޮސްޕިޓަލަކީ 30 އެނދުގެ ހޮސްޕިޓަލް ތަކެކެވެ.
ހޮސްޕިޓަލްތައް އަޅާ ރަށްތައް:
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ނ. ވެލިދޫ
- ކ. ތުލުސްދޫ
- އދ. މާމިގިލި
- ވ. ފެލިދޫ
- ތ. ވިލުފުށި
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން 35،000 ޑޮލަރު ނުވަތަ އެ އަދަަދަށްވާ ދިފެހި ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަން ޖެހެ އެވެ. ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ އަނބުރާ ނުލިބޭ ރަޖިސްޓްރޭޝަން ފީއެއް ވެސް ދައްކަން ޖެހެ އެވެ.
ބިޑްގެ ކަންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ ވާދަވެރި ބިޑުކުރުމުގެ އުސޫލުގެ ތެރެއިންނެވެ.
މި ހޮސްޕިޓަލްތައް ހެދުމަށް ބިޑް ހުށަހެޅުމަށް މީގެކުރިން ވެސް ދެ ފަަހަރަކު ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
ބީލަމަށް އަލުން ހުޅުވާލީ ދެ ފަހަރުވެސް ލިބުނު ބީލަންތަކުގެ އަގު ބޮޑުވުމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގައި މީގެކުރިން ވިދާޅުވެފަ އެވެ.