ދުނިޔެ

ސީރިއާ ހަނގުރާމައިގައި ހަތިޔާރު ބޭނުން މިކުރަނީ ވަރަށް ކުޑަކޮށް: ރަޝިޔާ

ސީރިއާގައި މިހާރު ބާރުގަދަ ކުރަމުންދާ ހައްދު ފަހަނައަޅާފައިވާ އައިއެސްގެ ހަނގުރާމަވެރިންނާއި ހަމަލާދޭން ރަޝިޔާއިން ބޭނުންކުރަމުންދަނީ އެމީހުން އަތުގައި ހުރި ހަތިޔާރާއި ވަސީލަތްތަކުގެ ވަރަށް ކުޑަ މިންވަރެއް ކަމަށް ރަޝިޔާގެ ރައީސް ވްލެޑްމިރް ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން ވިދާޅުވީ "ސީރިޔާ އޮޕަރޭޝަން" ގައި އެމީހުންނަށް ބޭނުންކުރެވެން ހުރި އިތުރު ހަތިޔާރާއި ވަސީލަތްތައް ބޭނުންޖެހިއްޖެ ހާލަތެއްގައ ބޭނުންކުރާނެ ކަމަށެވެ.

ޕުޓިން މިހެން ވިދާޅުވީ ސީރިޔާ ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް ފަށަން އިދިކޮޅު ފަރާތްތަކަށް ގޮވާލައި ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވަނިކޮށެވެ. އެގަރާރުގައި އެގައުމާ މެދު ބަދަލުކުރަމުންދާ ހަމަލާތައްވެސް ހުއްތާލުމަށް ގޮވާލާފައިވެ އެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައަށް ފަސް ވަނަ އަހަރު ފެށިފައިވާއިރު މި ހަނގުރާމައިގައި 250،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އދ. އިން އިއްޔެ ފާސްކުރި ގަރާރުގައި އަސަދުގެ ކުރިމަގާބެހޭ ވާހަކައެއް ހިމަނައިފައެއް ނުވެއެވެ. އެމެރިކާ، އިނގިރޭސި ވިލާތް ފަދަ ހުޅަނގުގެ ގައުމުތަކުން ބައްޝާރު މަގާމުން ދުރުކުރުމަށް ގޮވާލަމުންދާއިރު ރަޝިޔާ އިން ވަނީ މަޝްވަރާތަކުގެ ޝަރުތެއްގެ ގޮތުގައި އަސަދު މަގާމުން ދުރުކުރުން ހިމަނައިގެން ނުވާނެ ކަމަށް ބުނެފަ އެވެ.

ރަޝިޔާއިން ސީރިޔާ އަށް ހަމަލާތައް ދޭން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރުގައި އަންނަ ޖެނުއަރީ މަހު ސުލްހައިގެ ވާހަކަތައް ފަށަން ޖެހެއެވެ. އެހެން ނަމަވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކުރެވޭ އައިސިސް، އަލް ނުސްރާ ފަދަ ޖަމާއަތްތައް ސުލްހައިގެ ވާހަކަ ތަކުގައި ބައިވެރިއެއް ނުކުރާނެއެވެ.

އަދި އދ. ގ ބެލުމުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި އިންސާފުވެރި އިންތިހާބެއް ބާއްވާ ސީރިޔާގެ ކުރިމަގު ބިނާ ކުރާނެ ގޮތެއް ނިންމަން ޖެހެއެވެ. އަދި އެއަށްފަހު ޓެރަރިސްޓް ޖަމާއަތްތަކަށް ރަޝިޔާ، ފުރާންސް އަދި ގުޅިފައިވާ އެމެރިކާ އިއްތިހާދުން ދެމުންދާ ހަމަލާތައްވެސް ކުރިއަށް ގެންދާނެއެވެ.